މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކުއްލި ހަރަކާތް ހުކުރުދުވަހުގެ ރޭ (މިރޭ) ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް ހަރުގެއިން ކަރަންޓް ކެނޑިއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަރުގެއިން ކަރަންޓު ކެނޑިފައިވަނީ ހަރުގެއަށް ކަރަންޓު ދީފައިވާ ފޮށީގެ 2 ނަރު ބުރިކޮށްލާފައިވާތީއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއަށް ގުޅުމުން ސްޓެލްކޯއިން ބުނެފައިވަނީ ކޭބަލް އެޅޭނީ މަގު ކޮނެގެން ކަމަށެވެ. މިކަމުގެ ސަބަބުން މީހުން ދިރިއުޅޭ ފަސް ގެޔަކުން ކަރަންޓްގެ ޙިދުމަތް ވަނީ މެދުކެނޑިފައެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ (އެމް.ޑީ.ޕީ) ފަރާތުން މާލޭގައި ކުރިއަށް ގެންދާ ކުއްލި ހަރަކާތްތަކަކީ ސަރުކާރުން ރައްޔިތުން ބިކަކުރަމުންދާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށާއި އަސާސީ ހައްގުތަކުން މަހުރޫމް ކުރަމުންދާ ކަމަށް ބުނެ ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މީގެ އިތުރުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިތުރުވެ، ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ކަމަށް އެކި ސިނާއާތްތަކުގައި މަސައްކަތްކުރަމުންދާ އާއްމުން ބުނަމުންދާތީ އެމީހުންގެ ހައްގުގައިވެސް އެޕާޓީން މީގެ ކުރިންވެސް ވަނީ ކުއްލި ހަރަކާތްތަކެއް ބާއްވާފައެވެ.