އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތު މޮރިޝަސް އަށް ހަވާލު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރު ވަމުންދާ ކަމަށާއި، އަދި އެއާ އެކު އިންޑިއާ ކަނޑުގެ ޑިއޭގޯ ގާސިއާ ގައި އޮތް އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒުގެ މުސްތަޤްބަލު ރައްކާތެރި ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ބުރާސްފަތި ދުވަހު މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި އެއްބަސްވުމުގެ ތަފްސީލު ފުރަތަމަ އިޢުލާނު ކުރެވުނީ އޮކްޓޯބަރު މަހުގައެވެ. މޮރިޝަސް އަށް ޗާގޯސްގެ ސިޔާސަތީ ބާރު ހަވާލު ކުރެވޭނީ އެ ޖަޒީރާތަކުގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ ގައި ގާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒު 99 އަހަރުގެ މުއްދަތައް އިނގިރޭސިވިލާތައް ކުއްޔަށް ދީފައި އޮތް އޮތުމަށް އަސަރެއް ނުކުރާ ގޮތައް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އިނގިރޭސި ބޮޑުވަޒީރު ކީ ސްޓާމަރ، މޮރިޝަސް ސަރުކާރުގެ ވެރިންނާއެކު ވާޗުއަލް ކޮށް ބޭއްވޭ ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޓެލެގްރާފް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
މޮރިޝަސް އަށް އިނގިރޭސިވިލާތުން 1965 ވަނަ އަހަރު މިނިވަންކަން ދިން އިރު ޗާގޯސް އޮތީ މޮރިޝަސް އިން ވަކި ކޮށްފައެވެ. އަދި އެއާއެކު ޗާގޯސް ހިމެނޭ ގޮތުން ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އުފެއްދިއެވެ.
ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރި ނަމަވެސް އިނގިރޭސިންގެ އަސްކަރީ މަރުކަޒު މިހާރު އޮތް ގޮތައް ދެމެހެއްޓުމަށް ހެދި ޑީލުގެ އަގަކީ ކިހާވަރެއްކަން ހާމަ ކޮށްފައި ނުވި ނަވަމެސް މީޑިއާ ރިޕޯޓުތަކުގައި ބުނާ ގޮތުގައި މި ޑީލުގެ ދަށުން އިނގިރޭސިވިލާތުން 9 ބިލިއަން ޕައުންޑް މޮރިޝަސަސް އަށް ދައްކަން ޖެހޭނެ އެވެ.
ނޮވެމްބަރު މަހު މަޤާމާ ހަވާލުވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވޮޝިންގްޓަންގައި ސްޓާމަރ އާ ބައްދަލު ކުރެއްވުމަށް ފަހު އިނގިރޭސިވިލާތާއި މޮރިޝަސް އާ ދެމެދު ހަދާ ޑީލް އަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ފެބްރުއަރީ މަހު ވިދާޅުވެފައެވެ. ޓްރަމްޕްގެ ކުރިން ހުންނެވި ރައީސް ޖޯ ބައިޑަންވެސް މި އެއްބަސްވުމަށް ތާއީދު ކުރައްވާފައި ވެއެވެ.