އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލުމަށް ފަހު އާ އަމުރަކާއި އެކު ހައްޔަރުކޮށްފިއެވެ.
މީގެ ކުރިން 15 އެޕްރިލްގައި ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް 20 ދުވަސް ޖަހާފައެވެ. އެއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ.
ނަމަވެސް ރައުދު ބަންދުން ދޫކޮށްލީ ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ ބަންދުން ދޫކޮށްލިކަން އެނގުނީ، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ބުރާސްފަތި ދުވަހުގެ އަޑު އެހުން އަނބުރާ ގެންދިއުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން ހައިކޯޓުން ހާމަކުރި ރިޕޯޓުން އެނގޭ ގޮތުން ރައުދު އެ މައްސަލަ ގެންދިޔައީ ރައުދު ދޫކޮށްލުމުންނެވެ.
އަނެއްކާ ވެސް ރައުދު ހައްޔަރުކުރީ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ކަމަށް ވަނީ މައުލޫމާތުލިބިފައެވެ. އައު ކޯޓު އަމުރެއްގެ ދަށުން އަލުން އޭނާ ހައްޔަރުކުރީ ބުރާސްފަތި ދުވަހު ހަވީރެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލްގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ އޭނާ އޭޕްރީލް މަހުގެ 24، ގަ ހައްޔަރުކޮށްފަ އެވެ. އެއީ ޔުމްނު ވެއްޓުނު ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދުގެ ބަންދުކުރަން އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.