ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 12:56
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން ވަކި ކުރެއްވި، ދާއޫދު އަހުމަދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން ވަކި ކުރެއްވި، ދާއޫދު އަހުމަދު
ރައީސް އޮފީސް
ދާއޫދު މަގާމުން ވަކިކުރުން
ޔުމްނުގެ މައްސަލާގައި ދޮގު ބަޔާނެއް ދީފައިވާތީ ދާއޫދު މަގާމުން ވަކިކޮށްފި
ރިޕޯޓުގައި ބުނެފައިވަނީ ދާއޫދު ހޯމް މިނިސްޓަރު އަލީ އިހުސާނަށް ގުޅައި މެސެޖު ކުރި ކަމަށް
ރައުދުއާ އެއްވަރަށް ދާއޫދުގެ ވެސް އިހުމާލުވުން ކަމަށް ބަލައި ތަހުގީގު ކުރުމަށް ކޮމިޝަނުން ލަފާ ދީފައިވޭ
ބޮޑެތި ތުހުމަތުތަކެއް މިނިސްޓަރު އިހުސާން އަދި ޓްރާންސްޕޯޓް މިނިސްޓަރު އަމީންއަށް ވަނީ އަމާޒުވެފައި

ހ.ފެންޓޯނިއާ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ޔުމްނު ރަޝީދު ވެއްޓު ހާދިސާގައި ރައުދު އަހުމަދު ޒިލާލްގެ ބޭބެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދު ތަހުގީގަށް ދޮގު ބަޔާން ދީފައިވާތީ އޭނާ މަގާމުން ވަކިކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަހުގީގަށް ދޮގު ބަޔާނެއްދީފައިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރިޔާސީ ކޮމިޝަނުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެރުވި ރިޕޯޓުގައި ބުނެފައިވަނީ ދާއޫދު ހޯމް މިނިސްޓަރު އަލީ އިހުސާން ގުޅައި މެސެޖު ކުރި ކަމަށެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ސުވާލު ކުރުމުން މިކަމާއި ގުޅިގެން ސަރުކާރުގެ ސީނިއާ އެއްވެސް މީހަކަށް، ފުލުހަކަށް، އަދި ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު ބުނެ ދޮގު ބަޔާނެއް ދިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން ކޮމިޝަނަށް މިނިސްޓަރު އިހުސާން ދެއްވި ބަޔާނުގައި، އޭޕްރިލް 18 ވަނަ ދުވަހުގެ ރޭގަނޑު ދާއޫދު ގުޅުމުން ފޯނު ނަގައި ވާހަކަ ދެއްކެވި ކަމަށާއި އޭނާ ކުރި މެސެޖުތަކަށް ވެސް ޖަވާބު ދީފައިވާ ކަމަށެވެ. އަދި ދާއޫދުއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން ދަންނަ މީހެއް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވެފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިމައްސަލާގައި، ޔުމްނު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު އެނގި ތިބެ ކަމާބެހޭ އެއްވެސް އިދާރާއަކަށް އަންގާފައިނުވާއިރު، ރައުދުއާ އެއްވަރަށް ދާއޫދުގެ ވެސް އިހުމާލުވުން ކަމަށް ބަލައި ތަހުގީގު ކުރުމަށް ކޮމިޝަނުން ލަފާ ދީފައިވެއެވެ.

ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ، ބޮޑެތި ތުހުމަތުތަކެއް މިނިސްޓަރު އިހުސާން އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއަށް ވަނީ އަމާޒުވެފައެވެ.

މި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ކުރީގެ ސީޕީ ސުޖާއުއަށް މިނިސްޓަރު އަމީން ގުޅުމުން ވެސް ނުފޫޒު ފޯރުވާފައިވާ މިންވަރު ހާމަވާ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. މީގެ އިތުރުން ކޮމިޝަންގެ ރިޕޯޓުގައި ވެސް މި ކަން ފާހަގަކޮށްފައިވެއެވެ.

މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް ސަރުކާރު މެންބަރުން ވަނީ އިތުބާރު ނެތް ކަމަށް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވައި، މަގާމު ދިފާއު ކޮށްދީފައެވެ.

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގައި ވެސް މިނިސްޓަރު އަމީންގެ އިތުރުން މިނިސްޓަރު އިހުސާންގެ އިސްތިއުފާއަށް ގޮވާލާފައިވެއެވެ. ނަމަވެސް މި ދެބޭފުޅުންނަކީ މިސަރުކާރުގައި ވަރަށް ނުފޫޒު ގަދަ ދެ ބޭފުޅުން ކަމަށާއި، އެ ދެބޭފުޅުން މަގާމުން ވަކި ކުރެއްވުމަށް ރައީސް މުއިއްޒަށް ވެސް ކެރިވަޑައިނުގަންނަވާނެ ކަމަށް މުޒާހަރާގެ ބައިވެރިން ތުހުމަތު ކޮށްފައިވެއެވެ.

- ކޮމެންޓް