ކ. މާލެ
|
22 މެއި 2025 | ބުރާސްފަތި 10:42
އޮމާން އިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާ އާއި އީރާންގެ ނިއުކްލިއާ މަޝްވަރާގެ ފަސް ވަނަ ބުރު މި ހަފްތާގައި ރޯމްގައި އޮންނާނެ
އޮމާން އިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާ އާއި އީރާންގެ ނިއުކްލިއާ މަޝްވަރާގެ ފަސް ވަނަ ބުރު މި ހަފްތާގައި ރޯމްގައި އޮންނާނެ
އޭއެފްޕީ
އީރާން-އެމެރިކާ
އީރާނާއި އެމެރިކާގެ ފަސް ވަނަ މަޝްވަރާ ބައްދަލުވުން ހުކުރު ދުވަހު ރޯމްގައި
އޮމާން ސަރުކާރުގެ ޚާރިޖީ ވަޒީރު ބަދުރު އަލް ބުސައިދީ ސޯޝަލް މީޑިއާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާގެ ފަސް ވަނަ ބައްދަލުވުން، 23 މެއި ވާ ހުކުރު ދުވަހު އިޓަލީގެ ވެރި ރަށް ރޯމްގައި އޮންނާނެ ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދަމުން އަންނަަ ނިއުކްލިއާ އެއްބަސްވުމާ ގުޅޭ މަޝްވަރާ ބައްދަލުވުމުގެ ފަސް ވަނަ ބައްދަލުވުން، ހުކުރު ދުވަހު އިޓަލީގެ ވެރި ރަށް ރޯމްގައި އޮންނާނެ ކަމަށް އޮމާން ސަރުކާރުން ހާމަކޮށްފި އެވެ.

އޮމާން މެދުވެރިއެއްގެ ދައުރު އަދާ ކުރާ މި މަޝްވަރާ ބައްދަލުވުމުގެ ހަތަރު ވަނަ ބުރުގެ ބައްދަލުވުން ވަނީ މި މަހުގެ ކުރީ ކޮޅު ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ދެ ޤައުމުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

އެ ދުވަހުގެ މަޝްވަރާ ބައްދަލުވުން ނިމުނީ، ދެ ޤައުމުގެ ދެ މެދުގައި އިތުރު ބައްދަލުވުމެއް ބާއްވަން އެއްބަސް ވެގެންނެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ވެސް ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވެސް ވަނީ ގިނަ ކަންކަމަށް މަޝްވަރާ ކޮށްފަ އެވެ.

އޮމާން ސަރުކާރުގެ ޚާރިޖީ ވަޒީރު ބަދުރު އަލް ބުސައިދީ ސޯޝަލް މީޑިއާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާގެ ފަސް ވަނަ ބައްދަލުވުން، 23 މެއި ވާ ހުކުރު ދުވަހު އިޓަލީގެ ވެރި ރަށް ރޯމްގައި އޮންނާނެ ކަމަށެވެ. 

އެކަމާ ގުޅިގެން އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އޮމާން އިން ހުށަހެޅި ފަސް ވަނަ ބުރުގެ ބައްދަލުވުމަށް އެ ޤައުމުން އެއްބަސްވެފައިވާ ކަމަށެވެ. 

ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޤަލްފުގެ ޤައުމުތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު ވިދާޅުވެފައި ވަނީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ މެދު އަސްކަރީ ފިޔަވަޅު އެޅުމުގެ ކުރިން، އެއްބަސްވުމަކަށް ވާސިލުވާން ބޭނުންފުޅުވާ ކަމަށެވެ. 

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އެ ޤައުމުގެ ސެނެޓުގެ ފޮރިން ރިލޭޝަން ކޮމެޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، އެއްބަސްވުމަކަށް ވާސިލުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެމެރިކާ އިން "އޮފް-ރޭމްޕް" ހުށަހެޅުމެއް އީރާނަށް ހުށަހަޅާފައި ވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އީރާންގެ އިތުރުން، އެމެރިކާ އިން ވެސް ވަނީ ފަސް ވަނަ ބުރުގެ ބައްދަލުވުމަށް އެއްބަސްވެފަ އެވެ. އަދި ރޯމްގައި އޮންނަ އެ ބައްދަލުވުމަށް އެ ޤައުމުގެ އިސްވެރިން ވަޑައިގަންނަވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

- ކޮމެންޓް