މި ސަރުކާރުން ބޮޑު މަންޒަރު ދައްކައިގެން ހުޅުވަން އުޅުނު ޑިވެލޮޕްމަންޓް ބޭންކުން ހިދުމަތް ނުދެނީސް އެތަނުގެ ހަރަދަށް 6.5 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގެ މަސައްކަތުން ފެށިގެން 25 މާޗް 2025 އާއި ހަމައަށް އެ ބޭންކަށް އަދި އެ ބޭންކާ ގުޅޭ ކަންކަމަށް ހަރަދުކުރި ފައިސާގެ މައުލޫމާތު ހޯދުމަށް ގާނޫނީ ވަކީލު އަހުމަދު މައުރޫފް ހުށަހެޅި އާރުޓީއައިއަށް ދިން ޖަވާބުގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީން ކޮށްފައިވާ ޖުމްލަ ހަރަދަކީ 6،566،338.20 ރުފިޔާއެވެ.
މި އަދަދަކީ އެތަނުގެ ބޭންކުގެ ބްރޭންޑިންއާއި، ލައިސަންސް ފީ، ބޭންކު ހުޅުވުމުގެ ރަސްމިއްޔާތަށް ކުރި ހަރަދު، އޮފީސް އިމާރާތަށް ކުރި ހަރަދު، ކުލީގެ ގޮތުގައި ކުރި ހަރަދު، މުސާރައަށް ކކުރި ހަރަދު، ދަތުރުފަތުރުގެ ހަރަދު އަދި ކޮންސަލްޓަންސީއާއި ޕްރޮފެޝަނަލް ހަރަދުއެވެ. ނަމަވެސް މިނިސްޓްރީން މި ކަންކަމަށް ވަކިވަކިން ކުރި ހަރަދުތަކެއް ހާމަކޮށްފައި ނުވެއެވެ.
މި ސަރުކާރުން އުފައްދާ ހުޅުވި ޑިވެލޮޕްމަންޓް ބޭންކުން ހިދުމަތް ނުދެވި އުޅެނިކޮށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ވަނީ ދެއްވާފައެވެ. އަދި އޭނާ އިސްތިއުފާ ދެއްވީ މުސާރަ ނުދީގެންނެވެ. ނޮއެލްއަށް މުސާރައާއި އިނާޔަތް ނުލިބުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވަނީ 7 އޭޕްރީލް 2025 ގައެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ގަބޫލުކޮށް އެ މަޤާމުން ވަކިކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން 23 މާޗް 2025 ވަނަ ދުވަހު ވަނީ ބުނެފައެވެ.
"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފައްދާފައިވަނީ 16 މެއި 2024 ގައެވެ. މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.
އަދި އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ނޮއެލް ގްރެގަރ އައްޔަން ކުރެއްވީ އޮގަސްޓް 2024 ގައެވެ.
މީގެ އިތުރުން އެ ބޭންކު ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވީ 16 ނޮވެމްބަރު 2024 ގައެވެ. ނަމަވެސް މިހާތަނަށް އައި އިރު މި ބޭންކުގެ ހިދުމަތެއް އެއްވެސް ގޮތަކަށް ދީފައި ނުވެއެވެ.