ކުރެހެމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހަކު، ނުވަތަ އާޓިސްޓަކަށް ވާން ބޭނުންވާ މީހެއްގެ ވިސްނުން ބަހައްޓަން ޖެހޭނީ އާޓިސްޓެއްގެ ވިސްނުން ކަމަށާއި އެއީ އެކަން ކުރަން އެންމެ ފަސޭހަގޮތް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ކުރެހުންތެރިޔާ ނައުޝާދު ވަހީދު (ނައުބެ) ވިދާޅުވެއްޖެއެވެ.
ނައުބެ މިހެން ވިދާޅުވީ ހޯމަ ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފަހި މުސްތަޤްބަލް ސްޕީކަރ ސީރީސް 2025 ގައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައުބެ އަކީ ކުރެހުމުގެ ދާއިރާއިން ފުންނާބުއުސް ފަރާތަކަށް ވާއިރު، ނައުބެ އޭނާގެ ކުރެހުންތައް ހިފައިގެން ރާއްޖެ އައިސްފައި ވަނީ މިދިއަ އަހަރުގައެވެ. އޭނާގެ ވިސްނުމަކީ އަދި އެންމެ ބޮޑު ބޭނުމަކީ ކުރެހުމުގެ ދާއިރާއަން ގިނަ ޒުވާނުންތަކެއް ނެރެ އަފަރާތްތަކަށް ހިތްވަރު ދިނުމެވެ.
ކުރެހުމުގެ ދާއިރާއަށް ވަދެވުނުގެ ގޮތަށް އަލިއަޅުއްވާލައްވަމުން ނަމުބެ ވިދާޅުވީ، މިއީ ގިނަ ފުރުސަތުތަކެއް އޮތް ދާއިރާއެއް ކަމަށާއި މިއީ ރަނގަޅު ދިރިއުޅުމެއް ބިނާކުރުމަށް ރަނގަޅު އާމްދަނީއެއް ވެސް ހޯދިދާނެ ދާއިރާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެދާއިރާއަށް ވަދެ އަލަށް ފަށައިގަތުމުގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު، އެއީ ވަރަށް ހިތި ތަޖުރިބާތަކެއް ކަމަށާއި ނަމަވެސް ފަހުން ކާމިޔާބީއާއި ހަމައަށް ވާސިލް ވެވުނުކަމަށެވެ.
ނައުބެ ވިދާޅުވީ އެންމެ ހިތި ތަޖުރިބާއަކީ އެ ދާއިރާގައި މަސައްކަތް ކުރައްވަނިކޮށް ޖަލަށް ދާން ޖެހުންކަމަށެވެ. އަދި ޖަލުގައިވެސް ދުވަސްތަކެއް ހޭދަކުރަން ޖެހުމުން އޭރު ކުރަމުން ގެންދިއަ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅިގެން ދިއަކަމަށެވެ. އެހެން ނަމަވެސް އެދުވަސްތަކަށް ފަހު އަނެއްކާ ވެސް ހިތްވަރާއި އެކު މަސައްކަތް ކޮށްގެން ބޭނުންވި ހިސާބަށް މިހާރު ވާސިލުވެވިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.
މީގެ 17 ވަރަކަށް އަހަރު ކުރިން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކުރި ފަހުން ނައުބެ، 62، ދިރިއުޅެނީ އެ ގައުމުގަ އެވެ. ނައުބެގެ ކުރެހުމެއް މާލެއިން ނުފެންނަ އެއް ސަބަބަކީ އެއީ އެވެ. ނަމަވެސް އޭރުވެސް ދޭތެރެއަކުން މާލެއިން ނުވަތަ ރަށަކުން ނުވަތަ ރިސޯޓަކުން ބޮޑުސިންގާ ބިލްބޯޑެއްގައި ނައުބެ ކުރަހާފައި އިން ވެލައެއް، ބޮޑުމަހެއް، ހިބަރެއް، ނާބޮއްޔެއް، ކޯމަހެއް، ރާވެރިއެއް ނަމަވެސް ފެނެއެވެ.
ނައުބެ ވިދާޅުވީ މާލޭގައި އޭނާގެ ކުރެހުމުގެ މަސައްކަތް ފެށާފައި ވަނީ ވަރަށް ގިނަ ސީނިއާ އާޓިސްޓުންނަކީ ނައުބެގެ ނައުޝާޑްސް އެކަޑަމީ އޮފް ފައިން އާޓްސް އިން ކިޔެވި ކުދިންކަމަށާއި އެހެންވީމަ އެ ކުދިންނަށް އަދި މިހާރު ކުރިއަރަމުން އަންނަ ކުދިންނަށް ވެސް އިންސްޕިރޭޝަނަކަށް އެކަން ވުމުން ކަމަށެވެ.
ސްޓޫޑަންޓުންނަށް އިންސަޕަޔަރ ވެދާނެ ކަހަލަ ދެވާހަކައެއް އަޅުގަނޑު ހިއްސާކޮށްލާނަން. އަޅުގަނޑުގެ ކުރެހުމުގެ ތާރީޚުގެ ވާހަކަ ދައްކާކަމަށް ވަންޏާ ކުރަހަންފެށި ހިސާބު މިދާންޖެހެނީ މީގެ 45 އަހަރު ކުރިއަށް. މިސާލަކަށް އަޅުގަނޑު ދައްކާލާނަން ވިޒުއަލް އާޓިސްޓް ބައެއްގެ ކުރިމަތީގައި ކުރެގެން ވާހަކަދައްކާއިރު، ހަމައެކަނި ވާހަކަދެއްކުމުގެ ބަދަލުގައި ކޮންމެވެސް ވަރަކަށް މަންޒަރުދެއްކުން އެއީ ކުރަން ޖެހޭނޭ ކަމެއް.
ކުރެހުންތެރިޔާ ނައުޝާދު ވަހީދު (ނައުބެ)![]()
ނައުބެ ވަނީ އޭނާގެ ޖުރެހުންތައް ދިވެހިންނަށް ދައްކާލުމަށް އާރޓް ގެލެރީއެއްވެސް ހުޅުވާފައެވެ. މިދިއަ އަހަރު ހުޅުވިމި އާޓްގެލެރީގައި އޭނާގެ ގާތްގަނޑަކަށް 40 އަށްވުރެ ގިނަ ކުރެހުން އެ ގެލެރީގައި ހިމެނެއެވެ.
އޭނާގެ އުފެއްދުންތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ކަސަބު ބޯވަޅު އެޅި އަންހެން ކުއްޖެއްގެ ސިފައިގައި ތައްޔާރު ކޮށްފައިވާ އަށް އިންޗީގެ "މޯލްޑިވިއަން ލޭޑީ "އަކާއި، ހަމަ އެސައިޒުގެ ފޭލި އަނދެގެން ހުރި ބެރުޖަހާ ޒުވާނެއްގެ ގޮތަށް ދައްކުވައިދޭ "މޯލްޑިވިއަން ޑްރަމާ" (ބެރުޖަހާ މީހެއް) އެކެވެ. އޭގެ އިތުރުން ގަތާފަޔާއި، ތަފާތު މެޓީރިއަލްސްގެ ގެތުންތައް ވެސް ވެ އެވެ. މިއީ މުޅިން ވެސް ނައުޝާދުގެ އަމިއްލަ ފަރުމާތަކެވެ.
ނައުބެ އަކީ ކުރެހުނުގެ ދާއިރާއިން ރާއްޖެއިން ބޭރުން އެންމެ ފުރތަމަ ސަނަދެއްވެސް ހޯއްދެވި ބޭފުޅާވެސް މެއެވެ.