ކ. މާލެ
|
19 މެއި 2025 | ހޯމަ 17:17
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ކޮމިޝަނަރުގެ އޮފީހުގެ އޮފިޝަލަކާއި (ތ) ހައުސިންގ މިނިސްޓްރީގެ އޮފިޝަލުން (މ) ބައިވެރިވަނީ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ކޮމިޝަނަރުގެ އޮފީހުގެ އޮފިޝަލަކާއި (ތ) ހައުސިންގ މިނިސްޓްރީގެ އޮފިޝަލުން (މ) ބައިވެރިވަނީ
ސްކްރީން އިމޭޖް
ގެދޮރުވެރިޔާ ސްކީމް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައީސް އުފެއްދެވި ލަފާދޭ ކޮމިޓީގެ ރިޕޯޓު ގެއްލިއްޖެ
ސާވަރުގައި ނޫން ގޮތަކަށް ރިޕޯޓް ރައްކައު ކުރެވިފައެއް ނެތް ކަމަށް އޮފިޝަލުން ވިދާޅުވި
ކޮމިޓީއަށް ހިނގި ޚަރަދު މިހާރުގެ ހައުސިންގ މިނިސްޓްރީ އަށް އެނގޭކަށް ނެތް
ކުރިން ހިނގި ހައުސިންގ މިނިސްޓްރީ އާއި މިހާރު ހިނގާ ހައުސިންގ މިނިސްޓްރީ އަކީ ދެ ތަނެއް ކަމަށް އޮފިޝަލުން ވިދާޅުވި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައީސް މުއިއްޒު އަށް ލަފާ އެރުވުމަށް އެކުލަވާލި ކޮމިޓީގެ ރިޕޯޓު މިނިސްޓްރީ ގައި ނެތް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިހެން ބުނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ރިޕޯޓު ހޯދުމަށް ހުށަހަޅައިގެން ވެސް ރިޕޯޓު ލިބިފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރ އޮފީހަށް ހުށަހެޅި ޝަކުވާ އަކާ ގުޅިގެން ހޯމަ ދުވަހު ބޭއްވި އަޑު އެހުމުގައެވެ.

ފަހި ޔޫނިއަން އިން އެދިފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ގެ ކަންކަން ކުރިއަށް ގެންދިއުމަށް ލަފާ ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވި ލަފާދޭ ކޮމިޓީން ކުރި މަސައްކަތުގެ ތަފްސީލާއި، ކޮމިޓީން އެކުލަވާލި ރިޕޯޓާއި، ކޮމިޓީގައި ހިމެނޭ ފަރާތްތަކަށް ފައިސާގެ ގޮތުގައި ޚަރަދު ކުރި އެއްޗެއްގެ ތަފްސީލު ހޯދުމަށެވެ.

ހައުސިންގ އެޑްވައިޒަރީ ކޮމިޓީގެ ތަފްސީލު ހޯދުމަށް ހުށަހެޅުމުން ފަހި ޔޫނިއަން އަށް ހައުސިންގ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ، ހައުސިންގ މިނިސްޓްރީ ހިނގަމުން ދިޔަ އިމާރާތް އެނދުމުގެ ސަބަބުން މިނިސްޓްރީގެ ސާވާ އަށް ގެއްލުންތަކެއް ލިބިފައިވާތީ ސާވާގައި ހުރި މައުލޫމާތު ރިކަވަރ ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މައުލޫމާތު ރިކަވަރ ކުރެވުނުހާ އަވަހަކަށް އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔަ ފަހުން ވެސް ހައުސިންގ މިނިސްޓްރީގައި އެދުނު މައުލޫމާތު ފޯރުކޮށްދީފައި ނުވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިންތިޒާމު ކޮށްގެން ހޯމަ ދުވަހު ވަނީ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ހައުސިންގ މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ، ކޮމިޓީ އަށް ހިނގި ޚަރަދު އެއީ ކުރީގެ ހައުސިންގ މިނިސްޓްރީން ބެލެހެއްޓި މައުލޫމާތެއް ކަމަށާއި މިހާރު ހިނގަމުންދާ ހައުސިންގ މިނިސްޓްރީ އަކީ ތަފާތު މުއައްސަސާއެއް ކަމަށް ވާތީ ކޮމިޓީ އަށް ކުރި ޚަރަދުގެ މައުލޫމާތު މިހާރުގެ ހައުސިންގ މިނިސްޓްރީގައި ނެތް ކަމަށެވެ.

ކުރިން ހުރި މިނިސްޓްރީގެ މަސައްކަތްތަކާއި މެންޑޭޓް ބަދަލުވި މިނިސްޓްރީގައި އެ ޚަރަދުގެ ތަފްސީލް ނެތީ ކީއްވެތޯ އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން އެއްސެވި އެވެ. އަދި މައުލޫމާތު ހޯދުމަށް އެދިފައިވާ ފަރާތުން އެދިފައިވާ މައުލޫމާތު ރިކަވަރ ކުރައްވަން ކުރެވުނީ ކޮން މަސައްކަތެއްތޯ އާއި އެ މައުލޫމާތު ފޯރުކޮށް ދެވޭނީ ކޮން އިރަކުންތޯ އެއްސެވިއެވެ. އަދި އެ މައުލޫމާތު ސާވަރުގައި ނޫން ގޮތަކަށް ބެލެހެއްޓިފައި ނުހުންނާނެތޯ ވެސް އެއްސެވިއެވެ.

އެ ސުވާލުތަކާ ގުޅިގެން މިނިސްޓްރީގެ ލީގަލް އޮފިސަރު ވިދާޅުވީ، "ހައުސިންގ މިނިސްޓްރީގެ ޕޯޓްފޯލިއޯ ބަދަލު ވެގެން އައި އިރު އެބައިގެ ތެރޭގައި ޚަރަދުތަކާ ބެހޭ ތަފްސީލެއް." ނުހިމެނޭ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އަށް ލަފާދޭ ކޮމިޓީއަށް ހިނގި ޚަރަދުގެ މައުލޫމާތު ހޯދާނީ ކޮން ދިމާލަކުންތޯ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެއްސެވުމުން ހައުސިންގ މިނިސްޓްރީގެ ލީގަލް އޮފިސަރު ވިދާޅުވީ، ހައުސިންގ މިނިސްޓްރީގެ ކޯޕަރޭޓް ސެކްޝަނުން ކުރީގެ ހައުސިންގ މިނިސްޓްރީގެ ފައިސާ އާ ބެހޭ މައުލޫމާތު ލިބިފައި ނުވާ ކަމަށް ބުނެފައިވާ ކަމަށާއި، އެ މައުލޫމާތު ފިނޭންސް މިނިސްޓްރީގައި ހުންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކޮމިޓީގެ ރިޕޯޓާ ބެހޭ ގޮތުން އޮފިޝަލް ވިދާޅުވީ، ސާވާގެ މައުލޫމާތު ރިކަވަރކުރުމުގެ މަސައްކަތް އަދިވެސް ފުރިހަމަ ނުވާކަމަށާއި އެނޫން ގޮތަކަށް އެ މައުލޫމާތު ރައްކައުކުރެވިފައި ނުވާ ކަމަށެވެ.

ފަހި ޔޫނިއަން އިން އެކަމާ ގުޅިގެން އަޑުއެހުމުގައި ބުނީ، ހައުސިންގ މިނިސްޓްރީ އަނދައިގެން ދިޔަޔަސް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނެއްގެ ރިޕޯޓެއް ރައީސް އޮފީހުގައި އޮންނާނެ ކަމަށެވެ.

"ހައުސިންގ މިނިސްޓްރީ އެނދިޔަސް ރައީސް އޮފީހުގައި ހުރި ހުރިހާ އެއްޗެއް އަނދައިގެން ނުދާނެ،" ފަހި ޔުނިއަން އިން ބުންޏެވެ.

އެ ޔޫނިއަން އިން ފާހަގަ ކުރި ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އާ ބައްދަލުވި އިރުވެސް އެ ކޮމިޓީގެ ރިޕޯޓު ލިބިވަޑައިގަންފައިވާ ކަމަށް ވިދާޅުވި ކަމަށެވެ.

"އޭސީސީ އިން ރިވިއު ކުރި ފްލެޓުގެ މައްސަލައިގެ މައުލޫމާތު އެކަނި ހުރެފައި، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ކޮމިޝަނެއްގެ ރިޕޯޓު ހައުސިންގ މިނިސްޓްރީ އަށް އެނގެންނެތި، ރައީސް އޮފީހަށް އެނގެން ނެތުމަކީ "ބުއްދި ސަލާމަތުން ހުރި މީހަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން."

ރިޕޯޓުގެ ކޮޕީއެއް ހޯދުމާ ބެހޭ ގޮތުން ހައުސިންގ މިނިސްޓްރީގެ ލީގަލް އޮފިސަރު އިތުރަށް ވިދާޅުވީ، މިކަމާ ބެހޭ ގޮތުން ރައީސް އޮފީހާ ހައުސިންގ މިނިސްޓްރީން އެއްވެސް މުއާމަލާތެއް ކުރެވިފައި އޮތްތޯ ބައްލަވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީ އާއި ރައީސް އޮފީހާއި ގުޅައިގެން އެ މައުލޫމާތުތައް އެ ތަންތަނުގައި ހުރިތޯ ބެލުމަށް ހައުސިންގ މިނިސްޓްރީ އަށް އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މުއްދަތު ދީފައެވެ.

- ކޮމެންޓް