މި ސަރުކާރުން މުދާ އުފުލާ ދޯނިފަހަރުތައް އަޅާނެ ތަނެއް ނުދައްކައި، ހާލުގައި ޖައްސާފައިވާ ކަމަށް ބުނެ އޮޑިދޯނިފަހަރުގެ ވެރިން މުޒާހަރާކޮށްފި އެވެ.
މި މުޒާހަރާކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު ހުޅުމާލެ ޕެޓްރޯލް ޝެޑް ޖެޓީ ސަރަހައްދުގައެވެ. މި މުޒާހަރާގައި 24ށް ވުރެ ގިނަ ދޯނި ފަހަރުގައި މަސައްކަތް ކުރާ މީހުން ބައިވެރިވެފައިވެ އެވެ.
މުޒާހަރާގައި ބައިވެރިވި އޮޑިވެރިން ބުނެފައިވަނީ މުދާ އުފުލުމަށް ޚާއްސަ ކުރެވިފައިވާ ދޯނިތަކަށް މާލެއަށް ވެސް ހުޅުމާލެއަށް ވެސް ގާތް ކުރެވޭނެ ގޮތެއް ނެތް ކަމަށާއި، މިމައްސަލައަށް މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
އޮޑިވެރިން ބުނީ މީގެ ކުރިން ދޯނިތައް އަޅަމުންދިޔައީ އެމްޕީއެލްގެ އެންމެ އުތުރުން އޮންނަ ސަރަހައްދުގައި ކަމަށާއި، އެ ފަޅުގައި ދޯނި އެޅުމަށްފަހު، އަނބިދަރިން ކައިރިއަށް ދިއުމާއި، ބާޒާރު ކުރުން ފަދަ ބޭނުންވާ ކަންކަން ކުރުމަށް ރަށުގެ ތެރެއަށް ފޭބޭ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި ވެސް ދޯނި އެޅުން މަނާކުރުމުން ގޮތް ހުސްވެފައިވާ ކަމަށް އެމީހުން ބުނެފައިވެ އެވެ.
އަޅުގަނޑުމެންނަކީ ހުޅުމާލޭގެ އެމްޕީއެލްގެ އެންމެ އުތުރުން އޮޑިދޯނި ފަހަރު އަޅަމުން އަންނަ ބައެއް. މިހާރު އެތަނުގައި ވެސް ދޯނި އެޅިއަކަށް ނުދޭ. ދެން އަނެއް ކޮޅުން މުދާ ބާލަން ވެސް އެއްވެސް ދޯންޏެއް ކައިރި ކުރުމުގެ ހުއްދައެއް ނޯވޭ. އެހެންވީމަ މުދަލާ އެއްޗެހި ބާލާފައި ދޯނިފަހަރު އަޅާނެތަން ނުދެއްކުމުގެ ސަބަބުން ކުރާ މުޒާހަރާއެއް މިއީ.
މުޒާހަރާގައި ބައިވެރިވި އޮޑިވެރިއެއް![]()
މުޒާހަރާކުރި އޮޑިވެރިން ބުނެފައިވަނީ އެޗްޑީސީން އޮޑިވެރިންނަށް ދޯނި ފަހަރުތައް އެޅޭނެ ގޮތެއް ހޯދައިދޭންޖެހޭ ކަމަށެވެ. ވަކި ސަރަހައްދެއްގައި ދޯނިތައް ނުބޭއްވޭނެ ކަމަށް ބުނެ، ކުއްލިއަކަށް ނޯޓިސް ފޮނުވުމަކީ ދެވޭ އަނިޔާއެއް ކަމަށާއި، ކުއްލިއަކަށް މިފަދަ ނިންމުންތައް ނުނިންމޭނެ ކަމަށެވެ.
އޮޑިވެރިން ބުނެފައިވަނީ މި މައްސަލަ ހައްލު ކުރުމަށް އެޗްޑީސީގެ ބޭފުޅުންނާ ބައްދަލު ކުރުމަށް އެދުނު ނަމަވެސް ފުރުސަތު ދީފައިނުވާ ކަމަށެވެ.
މުޒާހަރާގެ ބައިވެރިވި އޮޑިވެރިން ބުނެފައިވަނީ މި މައްސަލައަށް ހައްލު ލިބެންދެން އަޑު އުފުލާނެ ކަމަށާއި، ހައްގު ހޯދާނެ ކަމަށެވެ. ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށާއި، މިއީ ދިވެހީންގެ ގައުމެއް ކަމަށެވެ.