ކ. މާލެ
|
17 މެއި 2025 | ހޮނިހިރު 22:03
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
ރާއްޖޭގެ ޑިމޮކްރަސީ
ރާއްޖޭގައި ޑިމޮކްރަސީ ނެތިގެން ދިޔަ ނުދޭނަން: ޝާހިދު
ރ. މުއިއްޒު ގެންދަވަނީ ޑިމޮކްރަސީގެ ހުޅުކޮޅު ނިވާލުމަށް މަސައްކަތްކުރަމުން
ސަރުކާރުން ބޭނުންވަނީ ޑިމޮކްރަސީގެ އިރު އޮއްސޭތަން ދެކެން

ބުރަ މަސައްކަތުން ދިވެހިން ހޯދި ޑިމޮކްރެޓިކް ނިޒާމު ހުދުމުޚުތާރުކަމުގެ ތެރެއަށް ގެނބެމުން ދާކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އެގްޒެކެޓިވް މީޓިންގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ޑރ. މުއިއްޒު ގެންދަވަނީ ޑިމޮކްރަސީގެ ހުޅުކޮޅު ނިވާލުމަށް މަސައްކަތްކުރަމުން ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ޑިމޮކްރަސީގެ އިރު އޮއްސޭތަން ދެކެން ކަމަށް ވިދާޅުވެ، ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް މި ސްޕީޗްގައި ޝާހިދު ތުހުމަތުކުރެއްވި އެވެ.

ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މީކާއީލް ނަސީމް ބައިވެރިވެވަޑައިގަތެވެ.

ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީގެ ސަރުކާރުން ގައުމުގެ މިނިވަންކަން ނަގާލާކަމަށް ބުނެ ދޮގުހަދައިގެންކަމަށާއި މިދޮގުތައް ހެދީ ޤައުމީ ވިސްނުމެއްގައެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ޑރ މުއިއްޒު އެކަން ކުރެއްވީ މީހުން ބައިބައިކުރަން ކަމަށާއި، އެކަން ހާމަވެގެން ދިޔައީ ވެރިކަމަށް އައިތާ މާގިނަ ދުވަހެއް ނުވެ، ބޭރުގެ ސިފައިން ނެތްކަމަށާއި، ބޭރު ގައުމުތަކާއެކު އެމްޑީޕީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަކީ އެކަމުގައި ކަންބޮޑުވާން ޖެހޭކަމެއް ނެތް އެއްބަސްވުންތަކެއްކަމަށް މިސަރުކާރުން އަމިއްލައަށް އެއްބަސްވުމުން ކަމަށް، ތަފްސީލާއެކު ޝާހިދު ވިދާޅުވެދެއްވި އެވެ.

މީގެ އިތުރުން ނިމިދިޔަ ނޮވެމްބަރު މަހު، މެމްބަރުގެ ގޮނޑި ގެއްލިދާނެ ހާލަތްތައް ބަޔާންކޮށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު، ޑިމޮކްރަސީގައި އަނެއްކާވެސް އިތުރު ފިޔަވަޅެއް ފަހަތަށް އެޅިކަން ޝާހިދު ފާހަގަކުރެއްވި އެވެ. އަދި އެމައްސަލަ ކޯޓަށް ވެއްދުމުން މައްސަލަ ބެލޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމުމާއެކު، ސުޕްރީމް ކޯޓަށް ޑރ މުއިއްޒު ގޮންޖައްސަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުކުރުމަށް ސަރުކާރުން ކުރި ޤާނޫނާ ޚިލާފު ކަންކަންވެސް ޝާހިދު ތަފްސީލްކޮށް އައި.ޑީ.ޔޫގެ ބައްދަލުވުމުގައި ވިދާޅުވެދެއްވި އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު އޮތީ ވާކޮށްފައިކަމަށާއި، މިނިވަން މުއައްސަސާތަކަށް މިނިވަންކަން އޮތީ ހަމައެކަނި ނަމެއްގައިކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ޕަޕެޓުންކަމަށް ސިފަކުރައްވައި، ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ޝާހިދުގެ ވާހަކަ ނިންމަވާލައްމުން ވިދާޅުވީ މިހާރު އޮތް އައު ދިވެހިރާއްޖެއަކީ ސުވާލެއް ކޮށްލައިގެން ހައްޔަރުކުރެވޭ، އަނގަބަންދުވެފައިވާ މަޖިލީހެއް އޮތް، ޝަރުޢީ ނިޒާމް ބޮއްސުންލާފައިވާ ގައުމެއްކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ އަނގަބަންދު ނުކުރެވޭނެކަމަށާއި، އެމްޑީޕީ މަޑުން ނޯންނާނެކަމަށްވެސް ޝާހިދު ޔަޤީންކަން ދެއްވިއެވެ. އެމްޑީޕީއިން އޮތީ ޑިމޮކްރަސީގައި ފަހަތަށް ދާތީ އެކަމާ ހިތާމަކުރަން ނޫންކަމަށާއި، އެކަން ބަދަލުކުރަންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ޑިމޮކްރަސީއަކީ ރާއްޖެއަށް އިމްޕޯޓްކޮށްގެން އުޅޭ އެއްޗެއް ނޫންކަމަށާއި، އެއީ ދިވެހި ރައްޔިތުން އުފާވެރި މާދަމާއެއްގެ އުއްމީދުގައި ބުރަ މަސައްކަތްކޮށްގެން ޤުރުބާންވެގެން ހޯދި ރައްޔިތުންގެ ހައްޤެއްކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވަނީ ދިވެހިންނާއެކު ތިބުމަށް މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ މަންދޫބުންނަށް ގޮވާލައްވާފަ އެވެ. އަދި ޝަރުޢީ ދާއިރާގެ މިނިވަންކަމަށާއި، ތެދު ހަބަރު ލިޔާ ނޫސްވެރިންގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާޢުގައާއި ސުލްހަވެރިކަމާއެކު އިހްތިޖާޖުކުރާ ޒުވާނުންނާއެކު ތިބުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ޝާހިދު ގޮވާލެއްވި އެވެ. ސަރުކާރުގެ ހުދުމުޚުތާރުކަން ކިތަންމެ ބޮޑަސް، ޑިމޮކްރަސީ ރާއްޖޭގައި ފޮހެވިގެން ދިޔަ ނުދޭނެކަމަށް ޝާހިދު ވިދާޅުވި އެވެ.

އައިޑީޔޫގެ ބައްދަލުވުމުގެ ހަވާސާގައި ޝާހިދު ވަނީ އެ ޔޫނިއަންގެ މެމްބަރުންގެ ގޮތުގައި ތިބި އެހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއެކު ބައްދަލުކުރައްވައި، ރާއްޖޭގެ ހާލަތާއި ބެހޭ މައުލޫމާތު އެ ބޭފުޅުންނާ ހިއްސާކުރައްވާފަ އެވެ. އަދި މީގެ އިތުރުން ޝާހިދު ވަނީ އިއްޔެ ބްރަސަލްސްގައި، ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ގުޅުންތަކާ ބެހޭ އޮފީހުގެ އޭޝިއާ އަދި ޕެސިފިކް ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީ އާއި ބައްދަލުކުރައްވައި، ރާއްޖޭގެ ހާލަތާއި ބެހޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

- ކޮމެންޓް