ކ. މާލެ
|
17 މެއި 2025 | ހޮނިހިރު 17:03
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ މަގާމުން އިސްތިއުފާދެއްވި ނޮއެލް ގްރެގޮރ ޕެޓަރސަން-ޖޯންސް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ މަގާމުން އިސްތިއުފާދެއްވި ނޮއެލް ގްރެގޮރ ޕެޓަރސަން-ޖޯންސް
ރައީސް އޮފީސް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް
‍ޑިވެލޮޕްމަންޓް ބޭންކުގެ ކުރީގެ ސީއީއޯ ނޮއެލްއަށް މުސާރައާއި އިނާޔަތްތަށް ނުދޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ޓްރެބިއުނަލްއިން ބޭރުކޮށްލައިފި
ނޮއެލްއަށް މުސާރައާއި އިނާޔަތް ނުލިބުމުން ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވަނީ 7 އޭޕްރީލް 2025 ގަ
މި މައްސަލަ ވަނީ ޓްރެބިއުނަލް އިން ބޭރުކޮށްލާފައި، އެއީ ތަރުޖަމާނަކު އައްޔަންކުރަން ދިން ފުރުސަތުގައި ތަރުޖަމާނަކު އައްޔަނުކޮށްފައިނުވާތީ
މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލުތައް ޑިވެލޮޕްމަންޓް ބޭންކުން ހާމަކުރާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އުފައްދައި، ހުޅުވި "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ކުރީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އަށް މުސާރައާއި އިނާޔަތްތައް ނުދޭކަމަށް ބުނެ ހުށަހެޅި މައްސަލަ ވަޒީފާއާއި ބެހޭ ޓްރެބިއުނަލް އިން ބޭރުކޮށްލައިފި އެވެ.

މުސާރައާއި އިނާޔަތައް ނުދޭކަމަށް ބުނެ ނޮއެލް ގްރެގަރ ޓްރެބިއުނަލް އަށް މައްސަލަ ހުށަހެޅީ މިދިއަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނޮއެލް އައްޔަން ކުރެއްވީ މިދިއަ އަހަރުގެ އޯގަސްޓް މަހުގައެވެ. އަދި އިސްތިއުފާ ދެއްވާފައިވަނީ މި އަހަރުގެ މާރިޗު މަހުގެ 23 ވަނަ ދުވަހު ގައެވެ. ނޮއެލް އިސްތިއުފާ ދެއްވި ސަބަބު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވެސް ބުނެފައިވަނީ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ނިވެލް އަށް މުސާރައާއި އިނާޔަތްތައް ނުލިބޭކަމަށް ބުނެ، ހުށަހެޅި މައްސަލަ ޓްރެބިއުނަލް އިން ބޭރުކޮށްލާފައި ވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ބިދޭސީ ފަރާތަކަށްވެފައި، އެފަރާތަކީ އެކަށީގެންވާ ފެންވަރަށް ދިވެހި ބަހުން ވާހަކަ ދެއްކޭނެ ފަރާތެއްކަމުގައި ނުވާތީ، ތަރުޖަމާނަކު ހަމަޖެއްސުމަށް ދެވުނު މުއްދަތުގައި ތަރުޖަމާނަކު ހަމަޖައްސާފައިނުވާތީ ކަމަށެވެ.

ޔުނައިޓެޑް ކިންގްޑަމްގެ ރައްޔިތެއްކަމުގައިވާ ނޮއެލް ގްރޭގަރ ޕެޓަސަން ޖޯންސްގެ ފަރާތުން ޑެވެލޮޕްމެންތް ބޭންކް އޮފް މޯލްޑިވްސް އަށް ރައްދުވާގޮތަށް 07 އޭޕްރފީލް 2025 ގައި ވަޒީފާއާއި ބެހޭ ޓްރެބިއުނަލް އަށް ހުށަހެޅި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތަކީ ބިދޭސީ ފަރާތަކަށްވެފައި، އެފަރާތަކީ އެކަށީގެންވާ ފެންވަރަށް ދިވެހި ބަހުން ވާހަކަ ދެއްކޭނެ ފަރާތެއްކަމުގައި ނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2022 ގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ތަރުޖަމާނަކު ހަމަޖެއްސުމަށް ދެވުނު މުއްދަތުގައި މައްސަލަ ހުށަހެޅި ފަރާތުން ތަރުޖަމާނަކު ހަމަޖައްސާފައިނުވާތީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2022 ގެ 7 ވަނަ މާއްދާގެ (ނ)އަށް ރިއާޔަތްކޮށް މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިނިއުނަލުން ބާތިލްކުރިކަން އެންގީމެވެ.

ވަޒީފާއާއި ބެހޭ ޓްރެބިއުނަލް

ނޮއެލް އަށް މުސާރައާއި އިނާޔަޔްތައް ނުދޭކަމަށް ބުނެ ހުށަހެޅި މި މައްސަލަ ޓެރެބިއުނަލްއިން ބޭރުކޮށްލާފައިވާއިރު، މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ނޮއެލްއަށް މުސާރަ އާއި އިނާއަތްތައް ނުދޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލުތައް ޑިވެލޮޕްމަންޓް ބޭންކުން ހާމަކުރާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

މި މައްސަލަ ޓްރައިބިއުނަލްއިން ބާތިލް ކުރި ނަމަވެސް މައްސަލަ 30 ދުވަހުގެ ތެރޭގައި 500 ރުފިޔާގެ ޖޫރިމަނާއަކާ އެކު އަލުން ހުށަހެޅޭނެ އެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފައްދާފައިވަނީ މިދިއަ އަހަރުގެ މެއި މަހުގެ 16 ގައެވެ. މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ގާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.

މީގެ އިތުރުން އެ ބޭންކު ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވީ 16 ނޮވެމްބަރު 2024 ގައެވެ. ނަމަވެސް މިހާތަނަށް އައި އިރު މި ބޭންކުގެ ޚިދުމަތެއް އެއްވެސް ގޮތަކަށް ދީފައި ނުވެއެވެ.

- ކޮމެންޓް