ކ. މާލެ
|
27 މެއި 2025 | އަންގާރަ 13:19
މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ ލިއުބިމޯވް
މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ ލިއުބިމޯވް
މިފްކޯ
މިފްކޯގެ ކުރީގެ ސީއީއޯ ވަޒީފާއިން ވަކިކުރުން
ނޯޓިސް ނުދީ ވަކިކުރުމުން 42،000 އެމެރިކާ ޑޮލަރު ހޯދުމަށް މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި
މި މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފައި
ނަމަވެސް ޓްރައިބިއުނަލުން މި މައްސަލަ ބެލޭނެ ކަމަށް ނިންމައި، ޖަވާބުދާރީވުމަށް ވަނީ އަންގާފައި
ކުއްލި ގޮތަކަށް އޭނާ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއްނުވޭ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ކުރީގެ ސީއީއޯ ވިޓަލީ ލިއުބިމޯވް ނޯޓިސް ނުދީ ވަޒީފާއިން ވަކި ކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިފިއެވެ.

ވިޓަލީ މި މައްސަލަ ހުށަަހަޅާފައިވަނީ، 10 ޑިސެންބަރު 2024ން ފެށިގެން މިފްކޯގެ ޗީފް އެގްޒެކެޓވިވް އޮފިސަރގެ މަގާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، 3 މާރިޗު 2025 ގައި ވަޒީފާއިން ވަކިކުރިއިރު ދޭން ޖެހޭ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދީފައިނުވާތީ 17 މާރިޗު 2025 ގައެވެ.

ވިޓަލީ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ 3 މަސް ދުވަހުގެ ނޯޓިސްގެ ބަަދަލުގައި 3 މަސް ދުވަހުގެ މުސާރަ ދިނުމެއްނެތިކަމުގައި ކަނޑައަޅައި ދިނުމަށާއި، 3 މަސް ދުވަހުގެ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކޮށްފައިވާތީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން 3 މަސް ދުވަހުގެ މުސާރައަށްވާ 42،000 އެމެރިކާ ޑޮލަރު މައްސަލަ ރައްދުވާ ފަރާތުން މައްސަލަ ހުށަހެޅި ފަރާތަށް ދޭންޖެހޭ ކަމަށް ކަނޑައަޅައި، މައްސަލަ ނިންމައި ދިނުމަށެވެ.

މި މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފަ އެވެ.

މިފްކޯއިން ބުނީ މި މައްސަލައަކީ ކުންފުނީގެ ޑިރެކްޓަރު ކަމުން ނުވަތަ މެނޭޖިންގ ޑިރެކްޓަރު ކަމުން ވަކިކޮށްފައިވާ ކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލަ އަކަށްވެފައި، މިފަދަ މަގާމަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށަށް ފެތޭ ވަޒީފާއަކަށް ނުވާތީ، މި މައްސަލައަކީ ޓްރައިބިއުނަލަށް ބެލުމުގެ އިހްތިސާސް ލިބިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފޯމް ބާތިލް ކޮށްދިނުމަށެވެ.

ނަމަވެސް ޓްރައިބިއުނަލުން މި މައްސަލަ ބެލޭނެ ކަމަށް ނިންމައި، ޖަވާބުދާރީވުމަށް ވެސް މިފްކޯއަށް ވަނީ އަންގައިފަ އެވެ.

ވިޓާލީއަކީ، މިފްކޯގެ، ސީއީއޯގެ މަގާމު އަދާކުރެއްވި ރާއްޖޭން ބޭރުގެ ފުރަތަމަ ބޭފުޅާއެވެ. ކުއްލި ގޮތަކަށް މަގާމުން އޭނާ މަގާމުން ވަކިކުރެއްވި ސީދާ ސަބަބެއް ސަރުކާރުން ހާމަކޮށްފައިނުވެއެވެ. އަދި 5 މާރިޗް 2025 ގައި އެމަގާމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު އައްޔަންކޮށްފައިވެއެވެ.

- ކޮމެންޓް