އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުލްހައިގެ ވާހަކަތައް ދެއްކުމާ އެކު، ދެން ދައްކަނީ ހަނގުރާމައިގެ އިންޒާރުގެ ވާހަކަ ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ޕެޒެޝްކިއާން ވިދާޅުވީ، ޓްރަމްޕް ދައްކަވާ ވާހަކަތަކުގެ ތެރެއިން ޤަބޫލު ކުރަންވީ ކޮން ވާހަކައެއް ކަމެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
އެގޮތުން ޕެޒެޝްކިއާން ވިދާޅުވީ އެއް ވަގުތެއްގައި ޓްރަމްޕް ސުލްހައިގެ ވާހަކަތައް ދައްކަވާނެ ކަމަށެވެ. އަދި ހަމަ ޖެހިގެން ދެން އަންނަ ވަގުތުގައި ހަނގުރާމައިގެ ވާހަކަތައް ދައްކަވައި، އިންޒާރު ވެސް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޕެޒެޝްކިއާން ވިދާޅުވީ އެމެރިކާ އާއެކު ކުރިއަށް ގެންދާ ނިއުކްލިއާ މަޝްވަރާތަކުގައި އީރާނުން ދެމި އޮންނާނެ ކަމަށާއި، މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށެވެ. އެހެން ނަމަވެސް، އީރާނަށް ދެމުން އަންނަ އެއްވެސް އިންޒާރަކަ މެދު ޖެހިލުން ވުމެއް ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ދާދި ފަހުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާގެ ހުށަހެޅުމެއް އީރާނަށް ރައްދު ކޮށްފައި ވާނެ ކަމަށާއި، އެއާ މެދު އަމަލު ކުރާނެ ގޮތެއް ވަރަށް އަވަހަށް އީރާނުން ނިންމަން ޖެހޭ ކަމަށެވެ.
އެހެން ނަމަވެސް، އެކަމާ ގުޅިގެން އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އީރާނަށް، އެމެރިކާގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ލިބިފައި ނެތް ކަމަށެވެ. އަދި އޭނާ ވަނީ އީރާނުން ޔުރޭނިއަމް އެންރިޗްމަންޓް ޕްރޮގްރާމް ދޫކޮށް ނުލާނެ ކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު މިހާރު އަންނަނީ ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދަމުންެނެވެ. އެ މަޝްވަރާތަކުގެ ހަތަރު ވަަނަ ބައްދަލުވުން ވަނީ މިދިޔަ އާދިއްތަ ދުވަހު އޮމާންގައި ކުރިއަށް ގެންގޮސްފަ އެވެ. މަޝްވަރާތަކުގައި އީރާންގެ ފަރާތުން އަރާގްޗީ ބައިވެރިވެ ވަޑައިގެންފައިވާއިރު، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް އެވެ.
ހަތަރު ވަނަ ބުރުގެ މަޝްވަރާ ބައްދަލުވުން ނިމުނީ، ދެ ޤައުމުގެ ދެ މެދުގައި އިތުރު މަޝްވަރާ ބައްދަލުވުމެއް ބާއްވަން އެއްބަސްވުމަށް ފަހު އެވެ. ނަމަވެސް، އެ މަޝްވަރާ ބައްދަލުވުން އޮންނާނެ ތާރީޚެއް ކަނޑައަޅާފައި ނުވެ އެވެ.
އޮމާން އިން މެދުވެރިއެއްގެ ދައުރު އަދާ ކުރާ މި މަޝްވަރާތަކުގެ ބައްދަލުވުމެއް ދެން އޮންނާނެ ތާރީޚެއް ހާމަ ކުރާނެ ކަމަށް އޮމާން ސަރުކާރުން ވަނީ ބުނެފަ އެވެ.