ކ. މާލެ
|
16 މެއި 2025 | ހުކުރު 14:52
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ހުންނަ ގުސްރު އަލް ވަތަން (ޕަލަސް އޮފް ދަ ނޭޝަން) އަށް ޓްރަމްޕް ވަޑައިގަންނަވާއިރު ތުއްތު އަންހެން ކުދިންތަކެއް ޓްރަމްޕް އަށް މަރުހަބާ ކިޔަނީ - 15 މެއި 2025
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ހުންނަ ގުސްރު އަލް ވަތަން (ޕަލަސް އޮފް ދަ ނޭޝަން) އަށް ޓްރަމްޕް ވަޑައިގަންނަވާއިރު ތުއްތު އަންހެން ކުދިންތަކެއް ޓްރަމްޕް އަށް މަރުހަބާ ކިޔަނީ - 15 މެއި 2025
ގެޓީއިމޭޖަސް
ޔޫއޭއީ-އެމެރިކާ ގުޅުން
10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޔޫއޭއީ އިން ބުނެފި
ސަރަޙައްދުގައި ސުލްޙަ އާއި ހަމަޖެހުން ގާއިމު ކުރުމަށް އެމެރިކާއާ އެކު މަސައްކަތްކުރުމަށް އެ ޤައުމުން ޝައުޤުވެރިވާ ކަމަށް ވެސް ޔޫއޭއީގެ ރައީސް ޓްރަމްޕް އަށް ދެންނެވި.

އެމެރިކާގައި އަންނަ 10 އަހަރުގެ ތެރޭގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ރާވާފައިވާ ކަމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

ޔޫއޭއީ ގެ ރައީސް މިކަން އިއުލާނު ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ.

ޔޫއޭއީގެ ރައީސް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގައި ޔޫއޭއީ-އެމެރިކާގެ ގުޅުން "ވަރުގަދަ ޕާޓްނަރޝިޕް" އެއްގެ ގޮތުގައި އޮތް ކަމަށް ވިދާޅުވެ، ރައީސް ޓްރަމްޕް އަށް ތައުރީފް ކުރައްވާފައެވެ.

ޔޫއޭއީ ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަބޫދާބީގެ ރިޔާސީ ގަނޑުވަރުގައި ޓްރަމްޕް އާ އެކު ވާހަކަފުޅު ދައްކަވަމުން އިޢުލާނުކުރެއްވީ "ޔޫއޭއީ އިން އަންނަ 10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ވަނީ ރާވާފައި" ކަމަށެވެ. މިއީ ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް އަދި ހަކަތައިގެ ދާއިރާތަކުގައި ކުރާނެ އިންވެސްޓްމަންޓްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޒައިދު އިތުރަށް ވިދާޅުވީ ސަރަޙައްދުގައި ސުލްޙަ އާއި ހަމަޖެހުން ގާއިމު ކުރުމަށް އެމެރިކާއާ އެކު މަސައްކަތްކުރުމަށް އެ ޤައުމުން ޝައުޤުވެރިވާ ކަމަށެވެ.

ޓްރަމްޕް ބުރާސްފަތި ދުވަހު ޔޫއޭއީގެ ވެރިރަށަށް ޒިޔާރަތްކުރެއްވީ ގަލްފު ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލުގެ ގޮތުގައެވެ.

ޔޫއޭއީގެ ރައީސް އާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައްދަލުކުރެއްވުމުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ޔޫއޭއީގެ އެންމެ މަތީ މަދަނީ ޝަރަފް ކަމުގައިވާ "އޯޑަރ އޮފް ޒައިދު" ޓްރަމްޕަށް ވަނީ މި ދަތުރުފުޅުގައި އަރުވާފައެވެ.

- ކޮމެންޓް