ހުކުރު ދުވަހު ހެނދުނު ޣައްޒާ އަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 20 މީހުން ޝަހީދުވެއްޖެއެވެ.
އުތުރު ޣައްޒާގެ އެކި ސަރަޙައްދުތަކަށް ފުޅާ ދާއިރާ އެއްގައި ދެވުނު މި ހަމަލާތައް އައީ އިސްރާއީލުގެ އެންމެ ބޮޑު މަދަދުވެރިޔާ އެމެރިކާގެ ރައީސް ގަލްފްގެ ތިން ގައުމަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ދަނިކޮށްނެވެ.
އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިއަކު ހާމަ ކުރި ގޮތުގައި އޭނާ ވަނީ އުތުރު ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލަށް ގެނެވުނު ހަށިތައް ގުނާފައިވެއެވެ.
ހަމަލާއިން ސަލާމަތްވި ބައެއް މީހުން ބުނާގޮތުގައި ގިނަ އަދަދެއްގެ މީހުން އަދިވެސް ވީ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައެވެ.
އަނެއްކޮޅުން ޣައްޒާ ބަންދުކޮށްގެން އިސްރާއީލުން އޮންނަތާ މިހާރު ވަނީ ތިންވަނަ މަހަށް އަރާފައެވެ.
މި ހަމަލާތަކާ ގުޅޭގޮތުން އިސްރާއީލުގެ ސިފައިންގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ހަމަލާތައް ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް އެތައް ގަޑިއިރުތަކެއް ވަންދެން ކުރިއަށް ދިޔައެވެ. މީގެ ސަބަބުން ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި ބައިތުލް ލަހިޔާ އަވަށުން އެތައް ބަޔަކު ވަނީ ފުރާނަ ސަލާމަތް ކުރަން އެހެން ސަރަހައްދުތަކަށް ގޮސްފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ހަފްތާގެ ކުރީކޮޅު ވަނީ ވީރާނާވެފައިވާ ޣައްޒާ އަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ދީފައިވާ އިންޒާރު ތަކުރާރު ކޮށްފައެވެ.
އަންގާރަ ދުވަހު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ: "އިސްރާއީލުގެ ބާރުތައް ވަރަށް ގަދަފަދަ ކަމާއެކު މަސައްކަތް ނިންމާލަން ޣައްޒާ އަށް ވަނުމަށް އޮތީ މަދު ދުވަސް ތަކެއް....އޭގެ މާނަ އަކީ ހަމާސް ނައްތާލުން..."
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި މަދުވެގެން 53،000 އަށް ވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މާރޗް 18 ގައި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް ހާމާސް އާ އެކުވީ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު، ފެށި ހަމާލާތަކުގައި މިހާތަނަށް 3،000 އާ ގާތްކުރާ އަދަދެއްގެ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެފައިވެއެވެ.
ހަމާސްއިން އިސްރާއީލުން ހައްޔަރު ކުރި 250 އާ ގާތްކުރާ އަދަދެއްގެ ރަހީނުންގެ ތެރެއިން 58 މީހުން އަދިވެސް ވަނީ ހިފަހައްޓާފައެވެ. މީގެ ތެރެއިން 23 މީހުން ދިރިތިބި ކަމަށް ޤަބޫލުކުރެވެއެވެ.