ބައެއް ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ތަޖުރިބާ ދަތުރުތައް ކަމަށް ބުނެ، ބެންކޮކަށް ދަތުރުކުރާ ކަމަށާއި، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ގެނެސްދިން "ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 6 ގައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ހަގީގީ މާނައިގައި ބާރުވެރިކުރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކާއި، ކައުންސިލްތަކަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ބަދަލުތަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ސަރުކާރުން ވަރަށް އިސްނަގައިގެން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށާއި، ރައްޔިތުންގެ މަޖިލިސް ހިމެނޭ ގޮތަށް ޖުމްލަކޮށް ހަމަ ހުރިހާ މުއައްސަސާއެއްގެ ދައުރު އަދާކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަންހެން ކައުންސިލަރުންނާއި، އަންހެނުން ބާރުވެރިކުރުވުމަށް ނިންމާފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ 33 އިންސައްތަ، ކައުންސިލް މެންބަރުން، އަންހެނުންނަށް ވާންޖެހޭގޮތަށް އޮތް އޮތުން 40 އިންސައްތައަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް ލިބޭ ފައިސާ މި ހޭދަކުރާގޮތާއި، ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރާ ގޮތް ވެސް ބަލަންޖެހޭ ކަމަށެވެ. މި ފައިސާ ހަރަދު ކުރަމުންދަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްތޯ ބެލޭނެ ނިޒާމެއް ވެސް ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް ބަދަލުކުރަން ހުށަހަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިހާރު ބައެއް ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން، ތަޖުރިބާ ދަތުރުތަކުގެ ނަމުގައި ބެންކޮކް ފަދަ ތަންތަނަށް ދަތުރުކުރާ ކަމަށާއި، މިއީ ރައްޔިތުންނަށް ފައިދާ ކުރާ ކަމެއް ނޫން ކަމަށެވެ.
މިހާރު ވާގޮތަކީ، ބްލޮކް ގްރާންޓް ނަގައިގެން ދަނީ ތަޖުރިބާ ދަތުރު ކިޔާފައި، ބެންކޮކަށާއި ތަންތަނަށް. މުޅި ކައުންސިލް އޮތްގޮތަށް އިނގޭތޯ. ރައްޔިތުންނަށް ކޮން ފައިދާއެއްތޯ އެއިން ކުރަނީ؟ އެއީއެއް ނޫނޭ ބްލޮކް ގްރާންޓް ބޭނުންކުރަން އޮންނަ ކަމަކީ. ދެން އަދި ބައެއްފަހަރު، ބައެއް ކައުންސިލްތަކުގެ މެންޓަލިޓީ ހުންނަ ގޮތަކީ، އެ ދައުރު ނިމޭއިރުގައި، ބްލޮކް ގްރާންޓް ސޭވްކުރަން އެބަ ބޭނުންވޭ. ޚަރަދުނުކޮށް ބަހައްޓަން. ބްލޮކް ގްރާންޓް މިއީ، ޤާނޫނުގައި، ލާމަރުކަޒީ ޤާނޫނުގައި، ކައުންސިލްތަކުގެ މައްޗަށް މަތިކޮށްފައި އޮތް ހުރިހާ ޒިންމާއެއް އަދާކުރަން ދޭ ފައިސާ. ވަރަށްގިނަ ޒިންމާތައް ހުންނާނެ. އެކަންކަން ކުރަންދޭ ފައިސާވެސް ޚަރަދުނުކޮށް، ބެންކޮކަށް ދިޔުމާއި، ސޭވްކުރުން. ސޭވިންގ އެކައުންޓަކަށް ދެން އެ ފައިސާ ނުލެވޭނެ. ކޮންމެ ކައުންސިލެއްގައި އެކައުންޓެއް ހުޅުވީ، ވަކިން ފައިސާ އެއަށް ލައިދީފައި، އެ ފައިސާ ޚަރަދުކުރަން. ޤާނޫނުގައި ބުނެފައި އޮތް ކަންކަން ކުރަން. އެހެންވީމާ، ސޭވްވެސް ކުރަނީ. އަނެއްކާ ދަތުރުވެސް ދަނީ. އަމިއްލަ އުފަލަށް ދަތުރުދަނީ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު![]()
ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލް ހިންގުމުގައި ކަންކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ. އެގޮތުން އަންގައިދިނުމުގެ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.