ކ. މާލެ
|
15 މެއި 2025 | ބުރާސްފަތި 17:54
މާލޭގެ ބިމެއްގައި އިމާރާތް ކުރުމުގެ މަސަައްކަތް ކުރަނީ - އިމާރާތް ކުރުމުގެ އިންޑަސްޓްރީ ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި
މާލޭގެ ބިމެއްގައި އިމާރާތް ކުރުމުގެ މަސަައްކަތް ކުރަނީ - އިމާރާތް ކުރުމުގެ އިންޑަސްޓްރީ ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި
ރާއްޖެއެމްވީ
ރާއްޖޭގެ އިގުތިސާދު
ކޮންސްޓްރަކްޝަން ވިޔަފާރި ވިދިވިދިގެން 4 ކުއަރޓާގައި ދިޔައީ ދަށަށް
އެމްއެމްއޭގެ ސާވޭ އިން ފެންނަ ގޮތުގައި ކުންފުނިތަކުގެ މާލީ ހާލަތު ވަނީ އިތުރަށް ދަށަށް ގޮސް، ކުންފުނިތަކުގެ ޖުމްލަ ވިޔަފާރީގެ ހާލަތު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި.

ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ވިޔަފާރި ވިދިވިދިގެން ހަތަރު ކުއަރޓާގައި ދަށަށް ހިނގައްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމެމްއޭ އިން އާންމު ކުރި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގެ، 'ކުއަރޓާލީ ބިޒްނެސް ސާވޭ' ރިޕޯޓުގައި ބުނެފައިވަނީ, ސާރވޭގައި ބައިވެރިވި އިމާރާތްކުރުމުގެ ވިޔަފާރިތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ވެސް އިމާރާތްކުރުމުގެ ދާއިރާގެ ހަރަކާތްތައް ދިޔައީ ދަށަށެވެ. އިމާރާތްކުރުމުގެ ހަރަކާތްތަކުގެ މިންވަރު ދައްކުވައިދޭ އިންޑެކްސް ނެގެޓިވްކޮށް ހުރިއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އިތުރަށް 11 ޕޮއިންޓް ދަށަށް ގޮސް 46- އަށް ވަނީ ވެއްޓިފައެވެ. ހަމައެހެންމެ، ލިބުނު އޯޑަރުތަކުގެ މިންވަރު ދައްކުވައިދޭ އިންޑެކްސް 14 ޕޮއިންޓް މައްޗަށް ދިޔަ ނަމަވެސް އަދިވެސް މިއިންޑެކްސް ހުރީ 24- ގައެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ވަޒީފާ ލިބޭ މިންވަރުވެސް ވަނީ ދަށަށް ގޮސްފައެވެ. 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އެމްޕްލޯއީސް އިންޑެކްސް 24- ގައި ހުރުމަށްފަހު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިތުރަށް ދަށަށް ގޮސް 34- އަށް ވަނީ ވެއްޓިފއެވެ. އެހެންނަމަވެސް، މުސާރަ އާއި މުވައްޒަފަކަށް ޖެހޭ އެހެނިހެން މަސައްކަތުގެ ޚަރަދުތައް ދައްކުވައިދޭ އިންޑެކްސް ޕޮޒިޓިވްކޮށް ހުރުމާއެކު 2 ޕޮއިންޓް އިތުރުވެ 8 އަށް މައްޗަށް ދިޔައެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް މި ދާއިރާގައި ތަކެތީގެ އަގުތަކަށް މައްޗަށް ކުޑަވެފައެއް ނުވާކަމަށް އެމްއެމްއޭ އިން ފާހަގަ ކޮށްފައިވެއެވެ.

އެމްއެމްއޭގެ ސާވޭ އިން ފެންނަ ގޮތުގައި ކުންފުނިތަކުގެ މާލީ ހާލަތު ވަނީ އިތުރަށް ދަށަށް ގޮސްފައެވެ. ހަމައެހެންމެ، ކުންފުނިތަކުގެ ޖުމްލަ ވިޔަފާރީގެ ހާލަތު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

- ކޮމެންޓް