ކޯޓު އަމުރެއް ނެތި ގިނަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ގޭންގުތަކުން ހިންގާ ކުއްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި އެވެ.
އެ ބިލު ފާސްކުރީ ބުރާސްފަތި ދުވަހު ހަވީރެވެ. މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިންއެވެ.
ބިލަށް ގެނެސްފައިވާ އިސްލާހުތަކާއި އެކު ބުރާސްފަތި ދުވަހު މި ބިލު ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރުން ވޯޓެއް ނުދެއްވައެވެ. ނަމަވެސް ވަކިކޮޅަކަށް ވޯޓު ނުދެއްވާ 11 މެންބަރުން ތިއްބެވި އެވެ.
މި ބިލު އެކުލަވާލާފައިވާ ގޮތުން ކޯޓު އަމުރަކާ ނުލާ މީހުން ބަލައި ފާސްކޮށް ހައްޔަރު ކުރުމާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުމުގެ ހާއްސަ ބާރުތަކެއް މި ގާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވެއެވެ. އަދި އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ފާސްކުރުމާއި އުޅަނދުގައި ހުންނަ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ދީފައިވެއެވެ.
ސަރުކާރުން މި ހުށަހެޅި ބިލުގައި ގޭންގު ކުށްތަކަށާއި ގޭންގު ކުށްތައް ކޮށްގެން ހޯދާ ނުހައްގު މުއްސަނދިކަމާ ގުޅޭ ގޮތުން ހަރުކަށި ފިޔަވަޅުތައް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ގޭންގު ކުށްތައް ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުން ވެސް ބިލުގައި ވަނީ ހިމެނިފައެވެ.
މި ބިލު ފަރުމާކުރެވިފައިވަނީ ކުރިން ހުރި ބިލުތައް ނުވަތަ ގާނޫނުތައް ތަންފީޒުނުކުރެވިގެންތޯ، އަދި މި ބިލަކީ އެ ސަބަބުތަކަށް ވިސްނައިގެން ހަދާފައިވާ ބިލެއްތޯ އިދިކޮޅު މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ.