ކ. މާލެ
|
15 މެއި 2025 | ބުރާސްފަތި 17:09
ރައީސް ޑރ. މުޙައްމަދު މުއިއްޒު "ރައްޔިތުންނާއި އެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަނީ
ރައީސް ޑރ. މުޙައްމަދު މުއިއްޒު "ރައްޔިތުންނާއި އެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަނީ
ރައީސް އޮފީސް
އިންތިޚާބުތައް އެއްކޮށްލުން
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ނުބޭއްވުމަށް ވަކާލާތުކުރައްވާ ރައީސް ދެއްކެވީ މިހާރުގެ ނިޒާމް ޚަރަދުބޮޑު ވާހަކަ!
އިންތިޚާބަށް ނުފޫޒު ފޯރުވުން ފަސޭހަކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރޭ
ދެވަނަ ބުރެއް ނުބާއްވާ ވެރިކަމަށް އާދެވޭނެ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރުމަކީ އެއީ ރައީސް މުހައްމަދު މުއިއްޒު އަޒުލް ކުރަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފަ

އިންތިޚާބުތައް ބާއްވާ އިރު އެންމެ ޚަރަދު ބޮޑު ޤައުމުތަކުގައި ހުންނަ ގޮތަށް ރާއްޖޭގެ ކަންކަން ކޮންމެހެން ހުންނަން ނުޖެހޭ ކަމަށާއި، ދެވަނަ ބުރެއް ނުބާއްވާ ގޮތަށް ޕްރިފަރެންޝަލް ވޯޓިން ނިޒާމް މާ ރަނގަޅުވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު، ރައްޔިތުންނާއި އެކު ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ ބާރުވެރިކަމާއި، ޑިމޮކްރެސީ އަދި ދެފުށް ފެންނަ ނިޒާމެއް އެ މަނިކުފާނަށް ވަރަށް މުހިންމު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ޑިމޮކްރަސީ ދިވެހިންގެ ތެރެއަށް ތައާރަފުވެގެން މި ހިސާބަށް އައި އިރު އަދިވެސް ވަރަށް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އަޅަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ގައުމުގެ ކަންކަން ހުންނަން ވާނީ އެންމެންގެ އެއްބައިވަންތަކަން ނުގެއްލޭ ގޮތަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަކީ އާއްމުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ އެކަމާއި މެދު އާއްމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވަނީ ދެ ވަނަ ބުރެއް ނުބޭއްވުމަކީ އާއްމުންނަށް ރަނގަޅު ގޮތް ކަމަށް ވަކާލާތުކުރައްވާފައެވެ. މިކަންކަން މި ގޮތަށް ނިންމުމުން ޚަރަދު ކުޑަވެ، އެފިޝަންސީ އިތުރުވާ ކަމަށާ، ނަމަވެސް މިކަން ނިންމަވާނީ އަޅުގަނޑުމެންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޕްރިފަރެންޝަލް ވޯޓިންގް ނިޒާމުގެ ސަބަބުން، އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި، އެ ރައްޔިތުން ބޭނުންވާ ކެންޑިޑޭޓަކު ހޮވުމުގެ ފުރުޞަތު މާބޮޑުވާކަމަށް ޤަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވި ނަމަވެސް މިއީ ސިޔާސީ މީހުންނާއި އާއްމުންގެ ޚިޔާލު ތަފާތުކަމެކެވެ.

އެ ދޭތެރެއިން މި ހޭދަވަނީ ގާތްގަނޑަކަށް 6 އެއްކަ މަސް. ރައްޔިތުންނަށް އެންމެ ރަނގަޅު ވާނީ ދެ އިންތިޚާބު އެކުގައި ބޭއްވުން. މިއީ ހަމަ ރައްޔިތުންގެ ޚިޔާލަށް ދާން ޖެހޭ ކަމެއް. އަޅުގަނޑު ބޭނުން ވަނީ ރައްޔިތުންގެ ކިބައިން އަހައިގެން މިކަން ކުރަން. އަދި އަޅުގަނޑު އަމިއްލަ އަށް ނިންމޭނެ ކަމެއް ނޫން. އަދި ނުވެސް ނިންމާނަން.

ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ވަނީ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބޭއްވުމުގެ ސަބަބުން 2 މިލިއަނެއްހާ ރުފިޔާ ސަލާމަތް ވާނެ ކަމަށް ފާހަގަކުރައްވާފައެވެ. ރައީސް ވަނީ ރިޔާސީ އިންތިޚާބު ބާއްވާ އިރު ދެވަނަ ބުރެއް ނުބާއްވާ ޕްރިފަރެންޝަލް ވޯޓިން ސިސްޓަމެއްގެ ތެރެއިން ވޯޓުލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް ވަނީ އެކަމާއި މެދު ވަރަށް ސީރިއަސްކޮށް ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ނުބޭއްވުމާއި، ވޯޓުގެ 50 ޕަސެންޓު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބިއްޖެ ނަމަ ވެރިކަމަށް އާދެވޭނެ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަމުންދާތީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

އެގޮތުން ދެވަނަ ބުރެއް ނުބާއްވާ ވެރިކަމަށް އާދެވޭނެ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރުމަކީ އެއީ ރައީސް މުހައްމަދު މުއިއްޒު އަޒުލް ކުރަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ. އަދި ޚަރަދުކުޑަ ކުރުމުގެ ނަމުގައި ދެ އިންތިޚާބު އެއްކޮށްލުމަށް ވަކާލާތުކުރަނީ އިންތިޚާބަށް ނުފޫޒު ފޯރުވުން ފަސޭހަކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.

- ކޮމެންޓް