ކ. މާލެ
|
15 މެއި 2025 | ބުރާސްފަތި 13:05
އެމެރިކާ އިން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަން ނިންމުމާ އެކު، ސީރިއާގެ ރައްޔިތުން އުފާ ފާޅު ކުރަނީ
އެމެރިކާ އިން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަން ނިންމުމާ އެކު، ސީރިއާގެ ރައްޔިތުން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ސީރިއާ
ސީރިއާގެ އިޤްތިސާދު އާރާސްތު ކުރުމަށް ދުނިޔޭގެ އިންވެސްޓަރުންނަށް ދައުވަތު
މާލީ ވަޒީރު ވިދާޅުވެފައި ވަނީ، ސީރިއާ އަކީ މިހާރު ދަނޑުވެރިކަމާއި، ތެލާއި، ފަތުރުވެރިކަމާއި، އުމުރާނީ ތަރައްޤީ އަދި ދަތުރުފަތުރުގެ ދާއިރާ ތަކުން ގިނަ ފުރުސަތުތަކެއް ހުޅުވިފައިވާ ޤައުމެއް ކަމަށް.

ގިނަ އަހަރުތަކެއްވީ ހަނގުރާމައިގެ ސަބަބުން މަޑު ޖެހިފައިވާ ސީރިއާގެ އިޤްތިސާދު އާރާސްތު ކުރުމަށް، ދުނިޔޭގެ އިންވެސްޓަރުންނަށް އެ ޤައުމުން ދައުވަތު ދީފި އެވެ.

ޤައުމުތަކަށް މިފަދައިން ދައުވަތު ދެއްވާފައި ވަނީ ސީރިއާގެ މާލީ ވަޒީރު މުޙައްމަދު ޔިސްރު ބަރްނިއެހް އެވެ. މިފަދައިން އޭނާ ގޮވާލައްވާފައި ވަނީ އެެމެރިކާ އިން ސީރިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަަޅުތައް ނައްތާލައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. 

ސީރިއާގެ މާލީ ވުޒާރާގައި ހުންނަވައި ރޮއިޓާސް އަށް ދެއްވި އިންޓަވިޔުއެއްގައި މާލީ ވަޒީރު ވިދާޅުވެފައި ވަނީ، ސީރިއާ އަކީ މިހާރު ދަނޑުވެރިކަމާއި، ތެލާއި، ފަތުރުވެރިކަމާއި، އުމުރާނީ ތަރައްޤީ އަދި ދަތުރުފަތުރުގެ ދާއިރާ ތަކުން ގިނަ ފުރުސަތުތަކެއް ހުޅުވިފައިވާ ޤައުމެއް ކަމަށެވެ. 

މިދިޔަ އަހަރުގެ ފަހު ކޮޅު ސީރިއާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ބައްޝާރުލް އަލް އައްސަދު ވެރިކަމުން ވައްޓާލުމަށް ފަހު، ދެން ވެރިކަމަށް ވަޑައިގެންނެވި އަޙުމަދު އަލް ޝަރާގެ ސަރުކާރުން އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުން ކަމަށް، ސިޔާސީ މަޝްރަހު ދިރާސާ ކުރާ މާހިރުން އަންނަނީ ބުނަމުންނެވެ. 

އެގޮތުން ޤަލްފު ޤައުމުގެ ތަކުގެ އެހީތެރިކަމާއި އެއްބާރުލުން ސީރިއާ އަށް ލިބި، ޔޫރަޕިއަން ޔޫނިއަން އިން އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް ވެސް ވަނީ ލުއި ކުރެވިފަ އެވެ. 

މާލީ ވަޒީރު އިތުރަށް ވިދާޅުވީ، ދައުލަތުގެ މާލީ ނިޒާމު އެކުލަވާލައި، ޓެކްސްގެ ނިޒާމާއި، ކަސްޓަމްސް އަދި ބޭންކިންގެ ދާއިރާ ތަކުގައި އިސްލާހީ ބަދަލުތަކެއް ގެންނަމުން ދާ ކަމަށެވެ.

އޭނާ ވިދާޅުވީ އިޤްތިސާދީ ފިޔަވަޅުތައް ނެގުމަކީ ފުރަތަމަ އެޅުނު ފިޔަވަޅު ކަމަށެވެ. ނަމަވެސް، 14 އަހަރުވީ ހަނގުރާމައިގެ ސަބަބުން ހަލާކުވެ، ވީރާނާވެފައިވާ ޤައުމު އަލުން ބިނާ ކުރުމަށް އަހަރުތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް އޭނާ ވިދާޅުވެފައި ވަނީ މިހާރު ދެން އިތުރު އިހުމާލެއް ވެވެން ނެތް ކަމަށާއި، މިހާރު މިވަނީ އަމަލީ ނަތީޖާ ފެންނަން ޖެހޭ މަރުޙަލާ އަކަށް އާދެވިފައި ކަމަށެވެ. 

ދާދި ފަހުން ސީރިއާގެ ރައީސް އަލް ޝަރާ ވަނީ ފްރާންސް އަށް ވަޑައިގެން އެ ޤައުމުގެ ރައީސް އިމަނުއެލް މެކްރޮންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި ގަލްފުގެ ޤައުމުތަކަށް އެމެރިކާގެ ރައީސް ޓްްރަމްޕް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން، ބުދަ ދުވަހު އޭނާ ވެސް ވަނީ އަލް ޝަރާއާ ބައްދަލު ކުރައްވާފައި އެވެ.

- ކޮމެންޓް