އަންނަ އަހަރު އޮންނަ ކައުންސިލް އިންތިހާބުގެ ކުރިން އިތުރު ބައި-އިލެކްޝަނެއް ދެން މިއޮތް މުއްދަތުގައި ނުބާއްވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު، ބުދަ ދުވަހުގެ ރޭ ދަންވަރު ބައްދަލުވުމެއް ބާއްވައިގެން ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފި އެވެ.
ކައުންސިލަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މިދިއަ އާދިއްތަ ދުވަހު، ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ އެވެ. އެ ބިލުގެ ބަހުސް އެއް ދުވަސް ތެރޭ ނިންމައި، ޖެހިގެން އައި އަންގާރަ ދުވަހު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީއަށް ވެސް އޮތީ ފޮނުވާފަަ އެވެ.
ކޮމިޓީން އެ ބިލް ފާސްކުރީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:30 ގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ޖުމުލަ 11 މިނެޓަށް ބޭއްވި ބައްދަލުވުމުގައި ބިލް ފާސްކުރިއިރު، މިއީ މި ބިލު ދިރާސާ ކުރުމަށް ކޮމިޓީން ބޭއްވި ހަމައެކަނި ބައްދަލުވުމަށް ވީއިރު، ކޮމިޓީން ނިންމާފައި ވަނީ، ސަރުކާރުން ފޮނުވި ގޮތަށް އިތުރު ބަދަލެއް ނުގެނެސް ބިލް ފާސް ކުރުމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަ އެ އިސްލާހުގެ ބިލް ފާސްކުރަން ހިމަނައި މަޖިލިހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް ފޮނުވީ ވެސް ބުދަ ދުވަހުގެ ރޭ ފަތިހު އެވެ. މިހާރު ހިނގަމުން އަންނަ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބާއްވަން ތާވަލު ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު އެކެއް ޖަހާއިރަށެވެ.
ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން ކައުންސިލަރުން އަދި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް ނުވަތަ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، އެ ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމެއް ނޫނެވެ. މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަ ވާނީ، އަންނަ އަހަރު މެއި 17އަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ ގޮނޑި ހުސްވިޔަސް، ދައުރުގެ ބާކީގައި ހަމަ އެ މުއްދަތު އޮތް ނަމަ ބައި އިލެކްޝަން ބާއްވަން ނުޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ބިލްގައިވާ ގޮތުން ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނުވަތަ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެން ވެސް ގޮތަކުން އޭނާގެ ގޮނޑި ހުސްވާ ހާލަތެއްގައި، ކައުންސިލް އުމުރުގެ ބާކީ އޮންނަ މުއްދަތު 548 އަށް ވުރެ ކުރު ނަމަ، ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެ އެވެ.
ބިލުގެ އިބްތިދާއީ ބަހުސްގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުން ވަނީ އެ އިސްލާހާ ދެކޮޅު ހައްދަވައިފަ އެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ އިންތިހާއަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ހަރަދު ކުޑަކުރުމުގެ ނަމުގައި ބައި އިލެކްޝަންތައް ނުބާއްވާ ގޮތަށް ހެދުމަކީ ދެކޮޅުޖެހޭ ކަމެއް ނޫންކަމުގައި އެ މެމްބަރުން ފާހަގަކުރެއްވި އެވެ.