ކ. މާލެ
|
15 މެއި 2025 | ބުރާސްފަތި 13:04
ޤަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ޤަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
އީރާން-އެމެރިކާ
އީރާނާ އެކު ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އެކަން ހާސިލު ކުރެވޭނީ އީރާނުން ޓެރަރިޒަމް އަށް ދެމުން އަންނަ އެހީތެރިކަން ހުއްޓާލައި، ހަނގުރާމަތައް ހުއްޓާލައި އަދި ނިއުކްލިއާ ހަތިޔާރު ހޯދުމުގެ މަސައްކަތް ވެސް ދާއިމީ ގޮތެއްގައި ހުއްޓާލުމުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އީރާނާ އެކު ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން މެދު އިރު މައްޗަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ތެރެއިން، ބުދަ ދުވަހު ޓްރަމްޕް ވަނީ ޤަތަރަށް ވަޑައިގެން ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ވަނީ އީރާނާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ އީރާނާ އެކު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތައް ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، އީރާންގެ މައްޗަށް ދަމަހައްޓާފައިވާ ފިޔަވަޅުތައް ޚަރުދަނާ ގޮތެއްގައި ތަންފީޒު ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި އެވެ. 

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތަކުގައި މިހާތަނަށް ވަނީ ހަތަރު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެންމެ ފަހުން މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ މި މަހުގެ ތެރޭގަ އެވެ. އަދި އިތުރު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ދެ ޤައުމުން ވެސް ވަނީ އެއްބަސްވެފަ އެވެ.

ގަލްފް އަރަބި ލީޑަރުންގެ ސަމިޓުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާ އެކު އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އެހެން ނަމަވެސް، އެކަން ހާސިލު ކުރެވޭނީ އީރާނުން ޓެރަރިޒަމް އަށް ދެމުން އަންނަ އެހީތެރިކަން ހުއްޓާލައި، ހަނގުރާމަތައް ހުއްޓާލައި އަދި ނިއުކްލިއާ ހަތިޔާރު ހޯދުމުގެ މަސައްކަތް ވެސް ދާއިމީ ގޮތެއްގައި ހުއްޓާލުމުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ އެ ވާހަކަ ތަކަކީ ވަރަށް ބޮޑަށް އޮޅުވާލައިގެން ދައްކަވާފައިވާ ވާހަކަފުޅުތަކެއް ކަމަށެވެ. ނަމަވެސް، ދެ ޤައުމުގެ ދެ މެދުގައި ކުރިއަށް ގެންދެވޭ މަޝްވަރާތަކުގައި ދެ ފަރާތުން ވެސް ދައްކަމުން އަންނަނީ އުންމީދީ ވާހަކަތަކެއް ކަމަށް އަރާގްޗީ ވިދާޅުވި އެވެ. 

އަރާގްޗީ ވިދާޅުވެފައި ވަނީ އެމެރިކާ އާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، ޔޫރަޕުގެ ޤައުމުތަކާ އެކު ވެސް މަޝްވަރާތައް ކުރިއަށް ގެންދަން އެ ޤައުމުން އޮތީ ތައްޔާރަށް ކަމަށެވެ. 

- ކޮމެންޓް