32 ފަހަރު ގުޅައިގެން ވެސް ދަރިވަރުންނަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ޖަވާބު ނުދޭކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އަލީ ހައިދަރު މަޖިލީހަށް ހާޒިރުކޮށް، އިތުރު ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ.
ލޯނާއި އެހެނިހެން ކަންކަމާއި ގުޅިގެން ދަރިވަރުން މިނިސްޓްރީ އަށް ގުޅުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާތީ އެކަމާއި މެދު މެމްބަރު ވަނީ ވަޒީރާއި ސުވާލުކުރައްވާފައެވެ. އެގޮތުން ކުޑޫ ވަނީ ބައެއް ދަރިވަރުން 32 ފަހަރަށް ވުރެ ގިނަ ފަހަރު ގުޅައިގެން ވެސް ހަޔަރ އެޑިއުކޭޝަނުން އެ ދަރިވަރުންނަށް އިޖާބަ ނުދޭތީ އެ ކަންބޮޑުވުން އޭނާ އާއި ހިއްސާކޮށްފައިވާކަން ފާހަގަކޮށްފައެވެ. އަދި އެކަން ހާމަވާ ސްކްރީންޝޮޓްތައް ވެސް ލިބިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމަށް ވާއިރު މިއީ ދަރިވަރުންނަށް ވަރަށް ދަތިވާ ކަމަކަށް ވާތީ އެކަން ހައްލުކުރެވޭނީ ކޮން އިރަކުންތޯ މެމްބަރު ވަނީ ވަޒީރާއި ސުވާލުކުރައްވާފައެވެ.
ޖަވާބުގައި ވަޒީރު ހައިދަރު ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ގޮތް ގޮތަށް މިނިސްޓްރީ އާއި ދަރިވަރުންނާއި މުއާމަލާތު ކުރެވޭ ގޮތް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން ވަޓްސްއެޕް ނަމްބަރތަކެއް އެކުލަވާލައިގެން ދަރިވަރުންނާއި މުއާމަލާތުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން 50 ދަރިވަރުންނަށް ވުރެ ގިނައިން އެއް ގައުމެއްގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަކޮށްގެން ވަޓްސްއެޕް ގްރޫޕްތަކެއް އެކުލަވާލާފައިވާ އިރު އެ ނަމްބަރުތަކުން ވަރަށް އަވަހަށް އިޖާބަދޭ ކަމަށް ދަރިވަރުން މައުލޫމާތު ދޭ ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.
އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް ކިޔާ އެޕެއް ތައާރަފްކުރާނެ ކަމަށާއި އެ އެޕާއި އެކު ދަރިވަރުންގެ ޝަކުވާތައް އަޑު އެހުމަށް މަގުފަހިވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖެ އަށް މަސައްކަތުގެ ދާއިރާ އަށް މީހުން ބޭނުންވާ ދާއިރާތަކަށް ވިސްނައިގެން ތައުލީމް ފޯރުކޮށްދިނުމަށް އިސްކަން ދޭ ކަމަށެވެ. ޚާއްސަކޮށް ފަންނީ ދާއިރާ އިން މީހުން ތަމްރީންކުރުމަށް އިސްކަން ދޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.