ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތަރައްގީ ކުރަން ފެށި، އައްޑޫސިޓީ ހިތަދޫ ބަނދަރުގެ މަސައްކަތް ނިމޭނީ 2026 ވަނަ އަހަރު ކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ހިތަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ސްޕީޑް ވަރަށް ލަސްކަން ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ނިމޭނެ ތާރީހެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ސުވާލަށް މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެކިއެކި ސަބަބުތަކާއި ގުޅިގެން މަސައްކަތް ކުރިއަށްދާ ސްޕީޑް ލަސް ކަމަށެވެ. އެގޮތުން އެސަރަހައްދުގައި ބްރިޖުގެ މަޝްރޫއު ކުރިއަށްދާތީ ބައެއް ދަތިތައް ކުރިމަތިވާ ކަމަށާއި، ބޮޑު ހިލަ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
އަޅުގަނޑުމެން އައްޑޫއަށް ކުރި ދަތުރުތަކުގައި ވެސް އަދި ހިތަދޫގައި އެ ބަނދަރުގައި ދޯނި އެހިލާ ސަރަހައްދުގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއް އަޅަމުންދާ ބްރިޖުގެ ސަބަބުން ބްލޮކްވާތީއާއި، މިހުރިހާ ކަމެއްގެ ސަބަބުން ޝަކުވާތަކެއް ލިބިފައި އެބަހުރި. އެހެންވީމަ އެކަމަށް އެޓެންޑްވެވޭނީ ކިހިނެތްތޯ ބަލަމުން މިދަނީ. އެހެންނަމަވެސް އަޅުގަނޑުމެން އިތުރު ބަދަލުތަކެއް މިވަގުތަށް ގެނެސްފައިނުވޭ. މިހާރު ރާވާފައި އޮތީ އޭޕްރީލް 2026 ގައި މަޝްރޫއު އެއްކޮށް ނިމޭ ގޮތަށް. މަޝްރޫއު މަޑު ޖެހިލާފައި މިދެންނެވީ ލަސްކޮށް ދިޔަ އެއްސަބަބަކީ މިދެންނެވި ކަހަލަ ކޮންސާންތައް ހުރުމާއި، އަދި އެއާއެކު ބޮޑު ހިލަ ލިބުމުގައި ދަތިކަން ހުރުމާއެއްކޮށް.
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު![]()
ހިތަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް އަމަލީ މަސައްކަތް ފަށާފައިވަނީ 2 އޭޕްރިލް 2021 ގައެވެ.
މި މަޝްރޫއުގެ ދަށުން، 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމަށް ވެސް ނިންމާފައިވެއެވެ.
މިއީ 52.43 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.