އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އެމެރިކާއާ އެކު މަޝްވަރާ ކުރާ ކަމަށް ބުނެފި އެވެ.
ފަލަސްޠީނުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެމެރިކާ އާއި ހަމާސްއާ ދެމެދު އަންނަނީ އެކަމާ ގުޅުން ހުރި މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދާނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.
އެމެރިކާ އިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު މިދިޔަ ހުކުރު ދުވަހު ވިދާޅުވީ، އެމެރިކާގެ އެހީގައި ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމުކޮށް، އެކަން ވަރަށް އަވަހަށް ތަންފީޒު ކުރެވޭނެ ކަމަށެވެ.
ހަމާސް އާއި އެމެރިކާއާ ދެމެދު ކުރަމުން އަންނަ މަޝްވަރާތަކާ ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވީ، މިހާރު ކުރިއަށް ދަމުން އަންނަ މަޝްވަރާތަކާ ބެހޭ ގޮތުން އިތުރު ވާހަކައެއް ދެއްކޭނެ ޙާލަތެއް ނެތް ކަމަށެވެ.
އެހެން ނަމަވެސް، އެއްބަސްވުމަކާ ހަމައަށް ވާސިލުވުމަށް ޤަތަރާއި، މިޞްރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.
މިއަހަރުގެ މާޗު މަހުގެ ކުރީ ކޮޅު އިސްރާއީލް އިން ވަނީ ޣައްޒާ އަށް އިންސާނީ އެހީ ވެއްދުމަށް ހުރަސް އަޅައިފަ އެވެ. އެ ދަތި ކުރުމުގެ ސަބަބުން، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ވަނީ އެތައް ގޮންޖެހުންތަކެއް ދިމާވެފަ އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިއަހަރުގެ ޖަނަވަރީ މަހު އެކުލަވާލެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ޣައްޒާ އަށް ފޯރުކޮށްދެވުނު އެހީގެ ސާމާނު މިހާރު ވަނީ ހުސްވާން ކައިރިވެފަ އެވެ. އެ އެއްބަސްވުމާ ޚިފާލަށް މާޗު މަހު އިސްރާއީލް އިން ވަނީ އަނެއްކާ ވެސް ހަމަލާތައް ދޭން ފަށައިފަ އެވެ.