ކ. މާލެ
|
9 މެއި 2025 | ހުކުރު 14:11
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ވާނުވާ ބަންދު
ބަލިކަށި ހެކި ހުރި ފަރާތްތަކުގެ މައްސަލަތައް އަނބުރާ ގެނައުމަށް ރައީސް ޕީޖީއަށް އަންގައިފި
މިހާރުވާނީ ފުލުހުންނާއި، ޕީ.ޖީ.އާއި، އޭ.ޖީ.އާ އެކީގައި މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފައި
ވީހާވެސް ގިނަ މީހުންނެއް އޭރުން، އެ ކަނޑައެޅޭ ޝަރުޠުތަކަކާ އެކީގައި ގެޔަށް ބަދަލުކުރެވޭނެ
ބަލިކަށި ހެކިހުރި ފަރާތްތައް، މި ކޭސް ބައި ކޭސް، ޕީ.ޖީ.ގެ ފަރާތުން ބަލަން މިހާރު ވާނީ ދަންނަވާފައި

ބަލިކަށި ހެކި ހުރި ފަރާތްތަކުގެ މައްސަލަތައް ރިވިއުކުރުމަށްފަހު އަނބުރާ ގެނެވެސް ހުރި މައްސަލަތައް ގެނައުމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފު އަށް އަންގައިފިއެވެ.

ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ކުދިކުދި ކުށްތައް، ނުވަތަ ބަލިކަށި ހެކިހުރި ފަރާތްތައް، ކޭސް ބައި ކޭސް، ޕީ.ޖީ.ގެ ފަރާތުން ބަލަން ދަންނަވާފައިވާނެ ކަމަށެވެ. އަދި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބެލެންއޮތް އެންމެ ރަނގަޅަކަށް އެފަރާތްތަކުގެ ކުށްތައް ތަންކޮޅެއް ތަފްޞީލުކޮށް ބަލައި، ކޭސް ބައި ކޭސް، އެ މައްސަލަތަކުގެ ތެރެއިން ޕީ.ޖީ. އިން އަނބުރާ ގެނެވެންހުރީ ކޮން މައްސަލަތަކެއްތޯ ބަލާ، ސީރިއަސް ނޫން މައްސަލަތަކުގެ ތެރެއިން ފަރާތްތައް ދޫކޮށްލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކިކަހަލަ ތުހުމަތުތަކުގައި ހައްޔަރުކޮށްފައި އެބަތިބި ކަމަށެވެ. 300 އެތައް ބަޔަކު އެބަތިބި ކަމަށާއި، ހައެއްކަ އަހަރުވެފައި ތިބި ބައެއް މީހުންވެސް އެބަތިބި ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފަސްވަރަކަށް މީހުން، އަހަރަކަށްވުރެ މަދު، އަހަރަކާއި ދެ އަހަރާ ދޭތެރޭގެ މީހުންނާއި އެކި މުއްދަތުގެ މީހުން ވާނުވާ ބަންދުގައި އެބަތިބި ކަމަށެވެ.

ރައީސް ވިދާޅުވީ އެގޮތަށް ތިބުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެކަން ޙައްލުކުރުމުގައި، މިއަދާ ހަމަޔަށް އައިއިރުގައިވެސް އެކި ސަރުކާރުތަކުން އެކަށީގެންވާ ޙައްލެއް ލިބިފައި ނުވާ ކަމަށެވެ. އަދި މެނިފެސްޓޯގައި ވެސް ދާއިމީ ހައްލެއް ގެނައުމަށް ހިމަނުއްވާފައިވާނެ ކަމަށާއި، ޖުޑިޝަރީ ނިޒާމުގެ ތެރެއިން ހަމަ ވަރަށްގިނަ ކަންކަން ހިމަނާފައި ހުންނާނެ ކަމަށެވެ.

ދެން އަޅުގަނޑު މިކަމުގައި ފާހަގަކޮށްލަން ބޭނުންވަނީ، ކޯޓުތަކުން، ޚާއްޞަކޮށް، ކްރިމިނަލް ކޯޓުން މިކަމަށް ޙައްލެއް ގެނައުމުގައި މަސައްކަތްކުރާއިރުގައި، ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތް. އެހެންވީމާ، ސަރުކާރުން ވަރަށް އިސްކަމެއް ދީގެން މިހާރު ހުޅުމާލޭގައި މި ނިންމައިދެނީ، ކްރިމިނަލް ކޯޓުގައި 11 ކޯޓުރޫމް ހިމެނޭގޮތަށް ރަނގަޅު ފެންވަރުގެ ތަނެއް. ދެން އެތަން އިރާދަކުރެއްވީތީ ހަމަ ވަރަށް ބާރަށް ކުރިއަށް އެބަދޭ. ދެން އެތަން ނިމޭއިރުގައި، އަދި އޭގެއިތުރަށް، އަޅުގަނޑުމެން މަސައްކަތް ކުރާނަން، ކޯޓަށް ބޭނުންވާ އިދާރީ ސަޕޯޓް މުވައްޒަފުން މަދުވާ ކަމަށްވަންޏާ، ކޮންމެހެން ބޭނުންވާ ޢަދަދަށް މުވައްޒަފުން ހޯދައިދޭނަން އިރާދަކުރެއްވިއްޔާ. އޭރުން އެއްފަހަރާ ގިނަ މައްސަލަތައް ބެލުމުގައި، ފަނޑިޔާރުންނަށް ބޭނުންވާ އިދާރީ މުވައްޒަފުންގެ ސަޕޯޓްވެސް ހަމަ ލިބިގެންދާނެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ މިހާރުން މިހާރަށް ކުރެވޭނެ ކަންތައްތައް ބަލަން ނިންމާފައިވާ ކަމަށާއި، ޕީ.ޖީ.އާއި، އޭ.ޖީ.އާ ގުޅިގެން އެކަންކަން ބަލަމުންދާ ކަމަށެވެ. އެގޮތުން "ޓެގް" އެއީ ޕޮސިބިލިޓީ އޮތްކަމެއްތޯ ބައްލަވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ވާނުވާގައި ތިބި މީހުންގެ ތެރެއިން ބައެއް ފަރާތްތައް މީގެތެރޭގައި ހިމެނޭތޯ.ބައްލަވަމުންދާ ކަމަށެވެ. އަދި ވާނުވާފައި ތިބި މީހުންގެ ތެރޭގައި 100 އެއްހާ މީހުން ޖިންސީ ކުށުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، ފަދަ ކަންކަމުގައި ތިބި ފަރާތްތައް ނުހިމެނޭ ކަމަށެވެ.

މީގައި އެބަހުރި ކޮންމެވެސްވަރަކަށް މާރާމާރީ ތުހުމަތުވެސް. ޓެރަރިޒަމް ތުހުމަތުވެސް. އަދި މަސްތުވާތަކެތީގެ އަދި ގޭންގް ކުށްވެސް. ގޭންގުތައް ހަދައިގެން ކުށްކުރުން. އެކިކަހަލަ ކުށްތައް. އަދި ކުދިކުދި ކުށްތައްވެސް އެބައުޅޭ. އެއީ، އެހެނިހެން ތަފާތު ކުށްތައްވެސް. އެހެންވީމާ، އޭގެތެރެއިން ކޮންމެގޮތެއްވިޔަސް، ޖިންސީ ކުށްތައް. ޖިންސީގޮތުން ކުޑަކުދިންނާއި، ކުށްކޮށްގެން ތުހުމަތު ކުރެވިފައިވާ ފަރާތްތައް ނުހިމެނޭނެ. ދެންވެސް ކޮންބައެއްތޯ ބަލާފައި، ވީހާވެސް ގިނަ މީހުން، ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިވަރު، ޓެގް އެޅުވޭނެތޯ ބަލަން އަޅުގަނޑު މިހާރުވާނީ ފުލުހުންނާއި، ޕީ.ޖީ.އާއި، އޭ.ޖީ.އާ އެކީގައި މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފައި އިނގޭތޯ. އަޅުގަނޑަށް އެކަން ސާފުވެގެން ދިޔައިމަ، އަޅުގަނޑު ވަރަށް ބޮޑަށް އެކަމަށް މަސައްކަތްކުރާނަން. ވީހާވެސް ގިނަ މީހުންނެއް އޭރުން، އެ ކަނޑައެޅޭ ޝަރުޠުތަކަކާ އެކީގައި ގެޔަށް ބަދަލުކުރެވޭނެ. ނޫނީވިއްޔާ ޓެގް އަޅުވާފައި ދޫކޮށްލެވޭނެ. އެންމެފުޅާ މިނިވަންކަމަކާ އެކީގައި ދޫކޮށްލެވޭނެ، މައްސަލަ ބަލައި ނިމެންދެން.

ރައީސް ޑރ. މުހައްމަދު މުއިއްޒު

އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

- ކޮމެންޓް