ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލު ކުރައްވައި، ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިތައް ނައްތާލުމަށް އެދިވަޑައިގެންފި އެވެ.
ބުދަ ދުވަހު އަލް ޝަރާ ފްރާންސް އަށް ވަޑައިގެންފައިވާއިރު، މިއީ ޔޫރަޕުގެ ޤައުމަކަށް އޭނާ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅަށް އދ އިން ވެސް ވަނީ ޚާއްސަ ހުއްދައެއް ދީފަ އެވެ.
ބުދަ ދުވަހު މެކްރޮންއާ ބައްދަލު ކުރައްވައި، ސީރިއާގެ މުސްތަޤުބަލާ ގުޅޭ މުހިންމު މަޝްވަރާތަކެއް ޝަރާ ވަނީ ކުރައްވާފައި އެވެ.
ފްރާންސްގެ ވެރި ރަށް ޕެރިހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރާ ވިދާޅުވީ، ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަލް އަައްސަދުގެ ވެރިކަމުގައި ސީރިއާއާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން އިން އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދިޔުމަށް އެދޭ ކަމަށެވެ.
އަލް ޝަރާ ވިދާޅުވީ ސީރިއާ ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަކީ އެންމެ މުހިންމު އަދި އެންމެ އިސްކަން ދޭ އަސާސް ކަމަށެވެ.
އިސްރާއީލް އިން ސީރިއާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރާ ވިދާޅުވީ، ދެ ޤައުމުގެ ދެ މެދުގައި މިހާރު ނުސީދާ ގޮތެއްގައި މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.
ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވީ އިސްރާއީލް އިން ސީރިއާ އަށް ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށާއި، އަވަށްޓެރި ޤައުމުތަކުގެ ސަރަހައްދީ ސަލާމަތައް އަރައި ގަތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އިތުރަށް މެކްރޮން ވިދާޅުވީ، ސީރިއާ އިން މިހާރު ކުރިއަށް ދަމުން އަންނަ މަގުގައި ދެމި ތިބެއްޖެ ނަމަ، ޔޫރަޕިއަން ޔޫނިއަންގެ ފިޔަވަޅުތައް މަޑު މަޑުން ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމަށް އެމެރިކާ އަށް ވެސް ބާރު އަޅުއްވާނެ ކަަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.