ކ. މާލެ
|
7 މެއި 2025 | ބުދަ 19:10
ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރާ މީހުންނާއި ރައީސް ބައްދަލުކުރައްވަނީ
ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރާ މީހުންނާއި ރައީސް ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ވާނުވާ ބަންދުގެ މައްސަލަ
"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާއި ގުޅޭގޮތުން ވަކާލާތުކުރާ ފަރާތްތަކާއި ރައީސް ބައްދަލުކުރައްވައިފި
އިލެކްޓްރޯނިކް ވަޞީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުޞަތު ދިނުމަށް ފެންނަކަމަށް ހުށަހަޅާފައިވޭ
އެފަދަ ފަރާތްތަކުގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން ފާހަގަކުރި
ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއް

"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރާ ފަރާތްތަކާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބައްދަލުކުރައްވައިފިއެވެ.

އެމަނިކުފާނު މި ބޭފުޅުންނާ ބައްދަލުކުރެއްވީ ބުދަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރާ ފަރާތްތަކުން ބުނީ އެހެން ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ވަރަށް މި ސަރުކާރުން ވާނުވާ ބަންދަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މި ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތްކަމަށެވެ.

ހަމައެއާއެކު އެފަރާތްތަކުން ވަނީ ސަރުކާރުން އެމައްސަލައަށް ޙައްލު ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެފަރާތްތަކުގެ ހުރި ޚިޔާލުތައް ޙިއްޞާކޮށްފައެވެ. މިގޮތުން އެފަރަތްތަކުން ހުށަހެޅި ކަންކަމުގެ ތެރޭގައި "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓަރކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަޞީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުޞަތު ދިނުމަށް ފެންނަކަމުގައި ބުނެފައިވެއެވެ.

އަދި އެފަދަ ފަރާތްތަކުގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުންވެސް އިންސާނީ ކަރާމާތް ގެއްލޭފަދަ ކަންކަމަށް "ވާނުވާ ބަންދު" ގައި ތިބި ފަރާތްތައް ހުށަހެޅިފައިވާކަމަށާއި، އިސްލާމްދީނުގައި މިކަންކަމަށް އޮންނަ ރިވެތި އުޞޫލުތައްވެސް ފާހަގަކުރިއެވެ. މިގޮތުން އިހުސާންތެރިވުމަށާއި، އަދުލުވެރިކަން އިސްކުރުމަށާއި، އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާކަންކަން ވެސް މި ބައްދަލުކުރެއްވުމުގައި ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއްކަމުގައެވެ. އަދި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލާ މަޝްވަރާކުރައްވައިގެން، މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، 1 ފުރުޞަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ، ބައްލަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުންދާކަމަށާއި، ވަގުތީ ގޮތުންވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތްކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޖަލުތަކުގެ ހާލަތު ބައްލަވާނެކަމަށާއި އަދި ބައްދަލުވުމުގައި ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ޚާއްޞަ އިސްކަމެއް ދެއްވައިގެން ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރާ ފަރާތްތަކުން ވަނީ އެމައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެކަމަށް ބެލެވޭ ޙައްލުތައް ހިމަނާފައިވާ ކަރުދާހެއްވެސް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައެވެ. މި ކަރުދާހުގައި "ވާނުވާ ބަންދު" ގެ ތަފާސް ހިސާބުތަކާއި، އެކި މައްސަލަތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ.

- ކޮމެންޓް