ކ. މާލެ
|
7 މެއި 2025 | ބުދަ 15:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
މަޖިލިސް
ޓެކްސީ ޚިދުމަތް
ޓެކްސީ ޚިދުމަތް ފަށަނީ އެއްވެސް ދިރާސާއެއް ނެތި
އަމީން ވިދާޅުވީ އެފަދަ އެއްވެސް ޚިދުމަތެއް ފަށާފައި ވަނީ ތަހުލީލެއް ނުވަތަ ސައިންޓިފިކް ރިސާޗުތަކެއް ނުވަތަ އެނަލައިސިސްތަކެއް ހަދައިގެން ނޫން ކަމަށް.

ސަރުކާރުން ޓެކްސީ ލައިންގެ ޚިދުމަތް ފަށަނީ އެއްްވެސް ކަހަލަ ދިރާސާއެއް ކޮށްގެން ނޫން ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލުގެ ޖަވާބުގަ އެވެ.

މެމްބަރުގެ ސުވާލުގައި އަހާފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޓެކްސީގެ ޚިދުމަތް ފެށުމުން މިހާރު ޓެކްސީ ކުރަމުން އަންނަ ފަރާތްތަކަށް ގެއްލުން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

އެ ވާހަކަ އަކީ އެއްވެސް ކަހަލަ ދިރާސާއެއް ކުރުމަށް ފަހު ވިދާޅުވެފައިވާ ވާހަކައެއް ނަމަ، އެ ދިރާސާގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރެވިދާނެތޯ ވަނީ ސުވާލު ކޮށްފަ އެވެ.

އަދި ހަމަ އެހެންމެ، އެ ވާހަކަ އަކީ އެއްވެސް ކަހަލަ ދިރާސާއެއް ކުރުމެއް ނެތި ވިދާޅުވެފައިވާ ވާހަކައެއް ނަމަ، އެމްޓީސީސީ އިން ޓެކްސީގެ ޚިދުމަތް ފެށުމުން މިހާރު ޓެކްސީ ކުރަމުން އަންނަ ފަރާތްތަކަށް ގެއްލުން ނުވާނީ ކީއްވެ އަދި ކިހިނެއްތޯ ސާފު ކޮށްދެއްވުމަށް ވަނީ ސުވާލު ކޮށްފަ އެވެ.

ޖަވާބުގައި މިނިސްޓަރު އަމީން ވިދާޅުވެފައި ވަނީ، އެމްޓީސީސީ އިން ޓެކްސީގެ ޚިދުމަތް ފެށި ނަމަވެސް، ޤަވާއިދާ އެއް ގޮތަށް ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ފަރާތްތަކަށް އެ ޚިދުމަތް ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ މާލޭ ސަރަހައްދުގައި މީގެ ކުރިން ވެސް ޓްރާންސްޕޯޓުގެ ޚިދުމަތް ފެށިފައި އެބަހުރި ކަމަށެވެ. މުޅި ރާއްޖޭގައި ވެސް އެފަދަ ޚިދުމަތްތަކެއް ފެށިފައިވާ ކަމަށާއި، އާރުޓީއެލް އަކީ ވެސް އެފަދަ ޚިދުމަތެއް ކަމަށް އަމީން ވިދާޅުވި އެވެ. އަދި ބަހުގެ ޚިދުމަތަކީ ވެސް އެ ލިންކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެފަދަ އެއްވެސް ޚިދުމަތެއް ފަށާފައި ވަނީ ތަހުލީލެއް ނުވަތަ ސައިންޓިފިކް ރިސާޗުތަކެއް ނުވަތަ އެނަލައިސިސްތަކެއް ހަދައިގެން ނޫން ކަމަށެވެ.

ގްރޭޓާ މާލޭ ސަރަހައްދުގައި، ޓެކްސީއެއް ނޫން، ޓްރާންސްޕޯޓުގެ ޚިދުމަތް މީގެ ކުރިން ވެސް ފެށިފައި އެބަހުރި އަދި މުޅި ރާއްޖޭގައި ވެސް. އޭގެ ތެރޭގައި އާރުޓީއެލް ފެރީ އަކީ ވެސް ޓްރާންސްޕޯޓު ނެޓްވޯކުގައި ހިމެނޭ އެއްޗެއް. ބަހުގެ ޚިދުމަތަކީ ވެސް ޓްރާންސްޕޯޓު ލިންކުގައި ހިމެނޭ ކަންކަން. މިހަހަލަ އެއްވެސް ޚިދުމަތެއް ސަރުކާރުން ފަށާފައި އޮންނަނީކީ ތަހުލީލެއް ނޫނިއްޔާ ސައިންޓިފިކް ރިސާޗެއް ނޫނިއްޔާ، އެނަލައިސިސްތަކެއް ހަދައިގެނެއް ނޫން.

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން

މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ މާާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ބޭނުންވާ މިންވަރު ވަރަށް ސާފު ކަމަށާއި، ބޭނުންވާ ވަގުތުގައި ޓެކްސީ ނުލިބުމުގެ ދަތިކަން އެ މިނިސްޓްރީއާ ވެސް އާންމުން ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މާލޭގެ އެއް ތަނުން އަނެއް ދިޔުމަށް ޓެކްސީ ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އޭގެ ބަަދަލުގައި ބޮޑު އަގު ދީގެން ހުޅުމާލޭ ނުވަތަ އެއާޕޯޓަށް ދާން ބުނެ ޓެކްސީ ހޯދަން ޖެހޭކަން ވެސް ވަނީ ފާހަގަ ކުރައްވާފައި އެވެ.

ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން މަސައްކަތްކޮށް، އެ ޚިދުމަތް ފެށުމައް ތައްޔާރުވަމުން އަންނައިރު، އެކަމާ ގުޅިގެން ޓެކްސީ ޑްރައިވަރުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅު ކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން އެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަަކަށް އެތައް ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

- ކޮމެންޓް