ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ޔޫރަޕަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ފްރާންސް އަށް ފުރާާ ވަޑައިގެންފި އެވެ.
މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަލް އައްސަދު ވެރިކަމުން ވައްޓާލުމަށް ފަހު، ވެރިކަމާ ހަވާލުވި އަހުމަދު އަލް ޝަރާ ޔޫރަޕުގެ ޤައުމަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ފްރާންސް އަށް އަލް ޝަރާ ކުރައްވާ މި ދަތުރުފުޅުގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލު ކުރައްވާނެ އެވެ. ފްރާންސް އަށް އަލް ޝަރާ މި ކުރައްވާ ދަތުރުފުޅަށް އދ އިން ވަނީ ޚާއްސަ ހުއްދައެއް ދެއްވައިފަ އެވެ.
ފްރާންސްގެ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ދެ ރައީސުންގެ މި ބައްދަލުވުމުގައި ސީރިއާގެ މިނިވަންކަމާއި، ސަަލާމަތްތެރިކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
މީގެ އިތުރުން އައިސިސްއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، އިޤްތިސާދީ އެހީތެރިކަމާއި، ދަތިތައް ލުއި ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް މީޑިއާ ތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ފްރާންސް ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައިވާ ގޮތުން، ފްރާންސް ސަރުކާރުން ސީރިއާގެ މުސްތަޤުބަލަށްޓަކައި އެހީވުމަކީ މުުހިންމު ކަމެއް ކަމަށް ދެކެ އެވެ. އަދި އައު ސަރުކާރާ އެކު ގުޅުން ބަދަހިކޮށް، އެކުގައި ކުރިއަށް ދާން ފްރާންސް ސަރުކާރުން ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.