ކ. މާލެ
|
6 މެއި 2025 | އަންގާރަ 21:21
އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: އަޒްމިރާލްދާގެ ފިރިކަލުން ހައްޔަރު ކުރީ ބަރަހަނާކޮށް ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބަޔާންކުރައްވައިފައި އޮތް އޮތުމަކީ އޮޅުވާލުމެއް ކަމަށް ވިދާޅުވި
އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: އަޒްމިރާލްދާގެ ފިރިކަލުން ހައްޔަރު ކުރީ ބަރަހަނާކޮށް ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބަޔާންކުރައްވައިފައި އޮތް އޮތުމަކީ އޮޅުވާލުމެއް ކަމަށް ވިދާޅުވި
ރާއްޖެއެމްވީ
ޑރ. އަޒްމިރާލްދާގެ ގާނޫނީ ޓީމް
އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރީ ބަރަހަނާ ހާލުގައި ކަމަށް ޖޭއެސްސީން ބުނުމަކީ ބޮޑު އޮޅުވާލުމެއް: ގާނޫނީ ވަކީލް
ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފު ބަރަހަނާ ހާލުގައި ހައްޔަރުކުރެވުނީކަމުގެ ތުހުމަތަކީ ދޮގެއް، އެއީ ބޮޑު އޮޅުވާލުމެއް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފު މަސާޖު ޕާލާއަކުން ހައްޔަރުކޮށްފައިވަނީ ބަރަހަނާ ހާލުގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވެއްޖެ އެވެ.

އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް މިފަދައިން ވިދާޅުވީ އެ މައްސަލައާއި ގުޅިގެން އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ޖޭއެސްސީން އަޒްމިރަލްދާ ސަސްޕެންޑުކުރީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ލަތީފު ސްޕާއަކުން ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ގެންދިޔުމުން، އޭނާ މިނިވަންކުރުމަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލަ އޭސީސީން ވެސް ބަލަމުން އަންނައިރު، ޖޭއެސްސީން މި މައްސަލަ ތަހުގީގުކޮށް، މިދިޔަ އާދިއްތަ ދުވަހު ވަނީ އަޒްމިރަލްދާ މަގާމުން ވަކިކުރަން ނިންމައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީލް ވިދާޅުވީ، ޖޭއެސްސީގެ ރިޕޯޓު އެންމެ ފުރަތަމަ އަޒްމިރަލްދާއަށް ފޮނުވިއިރު އޭގައި އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން ސާބިތުވާ ކަމަށް ބުނެފައި ނެތް ކަމަށާއި އަދި ރިޕޯޓުގައި ތަފްސީލީ މައުލޫމާތެއް ވެސް ނެތް ކަމަށެވެ.

ޝަމީލް ވިދާޅުވީ އެ ރިޕޮޓުގައި ހަމައެކަނި އޮތީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބަޔާންތަކެއްގެ ވާހަކަ ކަމަށާއި ނަމަވެސް އެންމެ ފަހުގެ ރިޕޯޓު ލިބުނުއިރު އޭގައި، އަޒްމިރަލްދާގެ ފިރިކަލުން އޮންނެވީ ބަރަހަނާ ހާލުގައިކަމަށް އޮތް ކަމަށް ޝަމީލް ވިދާޅުވި އެވެ.

ޝާމިލް ވިދާޅުވީ ބަރަހަނާކޮށް އޮންނަ މީހަކު ދުވަހަކު ވެސް ދޫކޮށްލައިފައި ނެތްކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދުގެ ބަޔާނުގައި ވިދާޅުވެފައިވާކަމަށާއި އެއީ ކަނޑައެޅިގެން ބޮޑު އޮޅުވައިލުމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސްޕާއަށް ފުލުހުން ވަތްއިރު، އެ ފުލުހުންގެ ގައިގައި ހުރި ބޮޑީ ކެމެރާގެ ފުޓޭޖުން ވެސް، އަޒްމިރާލްދާގެ ފިރިކަލުން އޮންނެވީ ބަރަހަނާކޮށް ނޫންކަން އެނގޭކަަމަށެވެ.

އަދި ޑރ. އިސްމާއީލް ލަތީފު އޮތީ ބަރަހަނާ ހާލަތުގައި ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބަޔާންކުރައްވައިފައި އޮތް އޮތުމަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް. އެއީ ބޮޑު އޮޅުވާލުމެއް. އެކަން ސްޕާއަށް ފުލުހުން ވަތްއިރު، އެ ފުލުހުންގެ ގައިގައި ހުރި ބޮޑީ ކެމެރާގެ ފުޓޭޖުން ވެސް އެނގިސާފުވޭ.

އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް

ޝަމީލް ވިދާޅުވީ ހަމަ އެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ ސްޕާގެ ކޮޓަރިއަކުން ބަރަހަނާކޮށް ތިބި އަންހެނަކާއި ފިރިހެނަކު ހައްޔަރުކުރިކަން އެނގޭ ކަމަށާއި އެ ދެ މީހުންނަށް ދައުވާކުރަން ފުލުހުން ހުށަހެޅުމުން، ފިރިހެން މީހާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދައި، އަންހެން މީހާއަށް ހަށިވިއްކުމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އުފުލާފައިވާ ކަމަށެވެ.

އެހެންކަމުން ލަތީފު ވެސް ހައްޔަރުކުރީ ބަރަހަނާ ހާލަތުގައިކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބުނާ ނަމަ، ޕީޖީން ލަތީފުގެ މައްޗަށް ދައުވާ އުފުލާފައި ނުވަނީ ކީއްވެތޯ ޝަމީލް ސުވާލު އުފެއްދެވިއެވެ. އަދި އެ ކަމުން ހާމަވަނީ ޑރ. އިސްމާއީލާ ދެކޮޅަށް ހެއްކެއް ނެތްކަން ކަމަށާއި ކްރިމިނަލް ކޯޓުން އޭނާ މިނިވަންކުރީ ރަނގަޅަށްކަން ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ގޯސް ގޮތަކަށް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުނުކުރާކަން، އެ އަމުރު އިސްތިއުނާފުކުރަން ފުލުހުންގެ ފަރާތުން ހައިކޯޓުގައި އެދިފައިނުވުމުން ވެސް ހާމަވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.

އަދި މި މައްސަލައިގައި، ލަތީފުގެ އަނބިކަނބަލުންކަމަށްވާ ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވީކަމަށް ބުނާނަމަ، އެ ބުނެވެނީ ހެއްކެއް ވެސް ނެތް ކަމެއްގައި ގާނޫނާ އެއްގޮތަށް ބަންދުން ދޫކޮށްފައިހުރި މީހަކު، ބަންދުން ދޫކުރި ފަހުން ނުފޫޒު ފޯރުވީކަން ކަމަށް ޝަމީލް ވިދާޅުވި އެވެ.

- ކޮމެންޓް