ދިވެހި ރާއްޖެ އިން އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތައް މިއަދާ ހަމައަށް ވެސް ހާމަކޮށްފައި ނުވަނީ، އެ އެއްބަސްވުން ތަކުގައި "ކޮންފިޑެންޝިއަލް ކްލޯޒް" ހިމެނޭތީ ކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވެސް ވިދާޅުވެއްޖެ އެވެ.
ޣައްސާން މިހެން ވިދާޅުވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ކުރެއްވި ސުވާލާ ގުޅިގެންނެވެ. އެގޮތުން ޒިޔާދުގެ ސުވާލަކީ، އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ ކޮން ސަބަބަބާ ހުރެތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ، އެ އެއްބަސްވުންތަކަކީ ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުންތަކެއް ކަމަށާއި، އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝިއަލް ކްލޯޒް" ހިމެނޭތީ އެއްބަސްވުން ހާމަ ނުކުރެވި އޮތީ ކަމަށެވެ.
"ތި އިޝާރާތް ކުރި އެއްބަސްވުންތައް އަދާ ހަމައަށް ހާމަ ނުކުރެވި އޮތް ސަބަބަކީ، ދިވެހި ދައުލަތާއި އިންޑިއާ އާއި ދެމެދު ސޮއި ކުރެވިފައި ހުރި އެއްބަސްވުންތަކުގެ ތެރޭގައި، އެ އެއްބަސްވުންތަކުގެ ކޮންފިޑެންޝިއަލް ކްލޯޒް ތަކެއް ހިމެނިފައި ހުރީމަ"
ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން![]()
މިނިސްޓަރު ޣައްސާން މިހެން ވިދާޅުވީއިރު، މިދިޔަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް ވަނީ، އެއްބަސްވުންތައް ހާމަ ނުކުރެވި އޮތީ އެ ސަބަބާ ހުރެ ކަމަށް ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް މުޢިއްޒު އާއި މިނިސްޓަރު ޣައްސާން ހިމެނި ވަޑައިގަންނަވާހެން، އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ އިންޑިއާ އެއްބަސްވުންތަކުގެ ވާހަކަ އެވެ.
އެ އެއްބަސްވުންތަކުގައި ސިއްރު ކަންކަން ހިމަނާފައިވާ ކަމަށާއި، އޭރުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ކަންކަން އޮޅުވާ ލައްވާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
އަދި ވެރިކަަމަށް އާދެވިއްޖެ ނަމަ، އެ ހުރިހާ އެއްބަސްވުންތަކެއް ވެސް ހާމަ ކުރައްވާނެ ކަމަށާއި، ދިވެހި ރައްޔިތުންނަށް ސިއްރު ކުރާނެ އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށާއި، އަދި އެފަދަ ކަމެއް ނުބާއްވާނެ ކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.