އިސްރާއީލްގެ މައި ވައިގެ ބަނދަރަަށް އަމާޒުކޮށް ހޫތީން އިން ދިން ހަމަލާއާ ގުޅިގެން، އިސްރާއީލް އިން ހޫތީންގެ އަމާޒުތަކަށް ހަމަލާ ދީފި އެވެ.
ހުދައިދާ ބަނދަރަށް އަމާޒުކޮށް ހަ ހަމަލާ ދީފައިވާކަން ހޫތީންގެ އަލް މަސީރާ ޓީވީ އިން ވަނީ ބުނެފަ އެވެ. އަދި އިސްރާއީލްގެ އަސްކަރިއްޔާ އިން ވެސް ވަނީ މި ހަމަލާތައް ދީފައިވާކަން ކަށަވަރު ކޮށްދީފަ އެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި، ހުދައިދާ ބަނދަރަކީ އީރާނުން ޓެރަރިޒަމްގެ މަޤުސަދު ތަކަށް ހަތިޔާރު އަދި އެހެނިހެން ސާމާނު ފޯރުކޮށްދިނުމަށް ބޭނުން ކުރާ ތަނެކެވެ.
މިކަމާ ގުޅިގެން އެމެރިކާގެ އިސް އޮފިޝަލަކު ބުނެފައި ވަނީ، އެ ހަމަލާތައް ދިނުމުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
ހޫތީންގެ ޞިއްޙީ ވުޒާރާ އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެމެެރިކާ އިން ސަނާ އަށް ދިން ހަމަލާއެއްގައި 16 މީހަކު ވަނީ ޒަޚަމުވެފަ އެވެ.
މީގެ އިތުރުން ސަނާ އަށް އިތުރު ހަމަލާ އަކީ، އަލް ޖައުފު ސަރަހައްދަށް ހަތް ހަމަލާ ދީފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
ދާދި ފަހުން ހޫތީން އިން ވަނީ ބެން ގުރިއަން އެއާޕޯޓަށް "ހައިޕަސޮނިކް" މިސައިލަކުން ހަމަލާ ދީފަ އެވެ. މި ޙަމަލާގައި ހަ މީހުން ޒަޚަމްވެ، ވައިގެ ދަތުރުތައް ހުއްޓާލަން ޖެހުނެވެ.
ޣައްޒާގެ ހަނގުރާމައާ ގުޅިގެން، ޙޫތީން އިން ވަނީ އިސްރާއީލްގެ އަމާޒު ތަކަށާއި، ރަތް ކަނޑުން ދަތުރު ކުރާ އުޅަނދު ފަހަރުތަކަށް ހަމަލާ ދީފަ އެވެ.
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހޫތީން އާއި އީރާނަށް ހަރުކަށި ޖަވާބެއް ދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އީރާނުން ވަނީ ހޫތީން އިން ދިން އެ ހަމަލާ އަށް އެއްވެސް އެހީތެރިކަމެއް ދީފައި ނުވާނެ ކަމަށް ބުނެފަ އެވެ.