ކ. މާލެ
|
5 މެއި 2025 | ހޯމަ 11:14
ކުލަބު ވެމްކޯ އިން ޤައުމީ މުބާރާތުގެ ތަށި އުފުލާލަނީ
ކުލަބު ވެމްކޯ އިން ޤައުމީ މުބާރާތުގެ ތަށި އުފުލާލަނީ
ވީއޭއެމް
ޤައުމީ ވޮލީބޯޅަ މުބާރާތް
ޕޮލިސް ބަލިކޮށް، ވެމްކޯ އިން ޤައުމީ މުބާރާތް ކާމިޔާބު ކޮށްފި
މިއަހަރުގެ ޤައުމީ މުބާރާތުގެ އިތުރުން ވެމްކޯ އިން ވަނީ ވީއޭއެމް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. މި ދެ މުބާރާތް ވެސް ވެމްކޯ އިން ކާމިޔާބު ކުރީ ޕޮލިސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ، ޤައުމީ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުލަބު ވެމްކޯ އިން ހޯދައިފި އެވެ.

ހަތަރު ޓީމުގެ ދެ މެދުގައި ކުރިއަށް ދިޔަ މުބާރާތުގެ ފައިނަލްގެ ޖާގަ ކުލަބު ވެމްކޯ އިން ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. ޕޮލިސް ކުލަބުން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލް މެޗު ކާމިޔާބު ކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ވެމްކޯ އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-23 އިންނެވެ. ނަމަވެސް ވެމްކޯ އިން ވަނީ 22-25 އިން ޖެހިގެން ކުޅުނު ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ.

ތިން ވަނަ ސެޓުގައި ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ފަހު ވަގުތު ކުރި ހޯދައި ޕޮލިސް ކުލަބުން މި ސެޓު ކާމިޔާބު ކުރީ 25-23 އިންނެވެ. ހަތަރު ވަނަ ސެޓުގައި ވެމްކޯ އިން ރަނގަޅު ކުޅުމެއް ދައްކައި، މި ސެޓު ކާމިޔާބު ކުރީ 18-25 އިންނެވެ.

ދެ ޓީމު ވެސް ސެޓުގެ ގޮތުން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ވެމްކޯ އިން ކާމިޔާބު ކުރީ 08-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ނޮކްޔޫން ޕައޮވާނާ އެވެ.

މިއަހަރުގެ ޤައުމީ މުބާރާތުގެ އިތުރުން ވެމްކޯ އިން ވަނީ ވީއޭއެމް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. މި ދެ މުބާރާތް ވެސް ވެމްކޯ އިން ކާމިޔާބު ކުރީ ޕޮލިސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ނަމަވެސް، މިފަހަރުގެ ޤައުމީ ލީގުގައި ޕޮލިސް ވަނީ ވެމްކޯ ފަހަތަށް ޖައްސާލުމަށް ފަހު، ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެެ.

- ކޮމެންޓް