ދުބާއީގައި މައި އޮފީސް ހުންނަ އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން ދިވެހިރާއްޖޭގައި ބްލޮކްޗެއިން އަދި ޑިޖިޓަލް އެސެޓްސް ފައިނޭންޝަލް ހަބެއް ގާއިމްކުރުމަށް 8.8 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ދިވެހި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫއަކީ ރާއްޖޭގެ އަހަރީ ޖީ.ޑީ.ޕީއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކަމުގައިވާއިރު، މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު ވިދާޅުވެފައިވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން އިގްތިސާދު ފުޅާކުރުމަށް މިފަދަ ފިޔަވަޅެއް އަޅަންޖެހޭ ކަމަށެވެ.
އެމް.ބީ.އެސްގެ ސީ.އީ.އޯ ނަދީމް ހުސެއިން ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 4-5 ބިލިއަން ޑޮލަރުގެ ފަންޑިންގ މިހާރުވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުގެ މާސްޓަރ ޕްލޭންގައި ބުނެފައިވަނީ މޯލްޑިވްސް އިންޓަރނޭަޝަނަލް ފައިނޭންސް ސެންޓަރު މާލެ ސިޓީގައި ގާއިމް ކުރާއިރު، އެތަނުގައި 6500 މީހުންގެ ޖާގަ ހުންނާނެ ކަމަށާއި، އެއީ 830،000 އަކަފޫޓުގެ ސަރަހައްދެއް ކަމަށެވެ. އަދި އެތަނުގައި 16،000 މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މާސްޓަރ ޕްލޭންގައި ބުނެފައިވަނީ މި ޕްރޮޖެކްޓާއެކު ރާއްޖޭގެ ޖީޑީޕީ 3 ގުނަ 4 އަހަރުގެ ތެރޭގައި އިތުރުކޮށް 5 ވަނަ އަހަރުގެ ތެރޭގައި އާމްދަނީ 1 ބިލިއަން ޑޮލަރާ ހަމައަށް އިތުރުކުރުމެވެ.
Maldives International Financial Centre is more than infrastructure. It is a national commitment. A commitment to diversify our economy beyond our traditional boundaries. A commitment to our people with opportunity, resilience and pride. And a commitment to the world - that the… pic.twitter.com/T7uYfe86no
— Dr Mohamed Muizzu (@MMuizzu) May 4, 2025
މި އިންވެސްޓްމަންޓް އައިސްފައިވަނީ ރާއްޖޭގެ މާލީހާލަތު އޮތްގޮތުން ބަނގުރޫޓުވުމާ ދިމާލަށް މިސްރާބު ޖަހާފައިވަނިކޮށް އިންޑިއާއިން ރާއްޖެއަށް 760 މިލިއަން ޑޮލަރުގެ އެހީތެރިކަން ދިން ދުވަސްވަރެއްގައެވެ. މޫޑީސްއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެއިން މިއަހަރު 600-700 މިލިއަން ޑޮލަރު އަދި 2026 ގައި 1 ބިލިއަން ޑޮލަރު ދަރަނި ދައްކަންޖެހެއެވެ. މީގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކެއް ހިމެނެއެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ އާންމު ލޯނު ނެގުމުގެ ބަދަލުގައި ވިޔަފާރީގެ އުސޫލުން ކުރިއަށްދާނެ މަޝްރޫއެކެވެ. ނަމަވެސް ބައެއް ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި ދުބާއި އަދި މޮރިޝަސް ފަދަ ތަންތަނާ ވާދަކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.
މިފަދަ ބޮޑު އިންވެސްޓްމަންޓެއް ފަށާ އެއިން ފައިދާކުރަންވެސް މަދުވެގެން 8 ވަރަކަށް އަހަރު ނަގާނެއެވެ. އަދި ސަރުކާރުގެ ޕްލޭނަކީ މިކަމުގައި ކޮބައިކަމެއް ހާމަކޮށްފައި ނުވާ އިރު، މިކަމާއި ގުޅޭ ތަފްސީލެއްވެސް ހާމަކޮށްފައި ނުވެއެވެ.