ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯސްވޭތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހިއްސާ ކުރައްވައިފިއެވެ.
ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުގެ މަޝްރޫއުތަކުގެ ތަފްސީލީ މައުލޫމާތު ޕްރެޒެންްޓޭޝަނެއްގެ ޒަރިއްޔާއިން ސާފުކޮށް ކިޔައިދެއްވާފައެވެ. އަދި ކޯޒްވޭގެ މައުލޫމާތުތައް ވެސް ހިއްސާ ކުރެއްވިއެވެ.
ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ފެށި އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު ކަމަށްވާ ރަސްމާލޭ ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭ ރަސްމާލެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް އެމަނިކުފާނު ދައްކަވާފައެއްނުވެއެވެ.
ތިލަމާލެ ބްރިޖަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަޝްރޫއުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިމިފައިވާ ކަމަށެވެ. މިމަޝްރޫއުގެ މަސައްކަތްތައް އަވަހަށް ކުރިއަށްދާނެ ކަމަށާއި، ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ ބްރިޖުގެ މަޝްރޫއު ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޑިޒައިން ސަރވޭ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްގެން ޕްރޮޕޯސަލްތައް ލިބި މިހާރު އިވިލުއޭޝަންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ތިލަފުއްޓާއި ގިރާވަރުފަޅާއި، އުތުރުތިލަފަޅު ބްރިޖަކުން ގުޅާލުމުގެ މަޝްރޫއާއި، ކާޑެއްދޫ - ތިނަދޫ ބްރިޖުގެ މަޝްރޫއަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.
ދެން ތިލަފުށިން ފެށިގެން ގިރާވަރުފަޅު ތްރޫކޮށް އުތުރުތިލަފަޅު ގުޅުވާލަދޭ ބްރިޖު. އެ ދެ ބްރިޖު އެޅުމަށްޓަކައި އޭޝިއާ އިންފްރާސްޓަކްޗަރ އިންވެސްޓްމަންޓް ބޭންކުން ހިލޭ އެހީގެ ދަށުން އަޅުގަނޑުމެންނަށް އެބަ ހަދާ ދެއްވައި ފީސިބިލިޓީ ރިޕޯޓެއް. އެރިޕޯޓުގެ މަސައްކަތް އިވެލުއޭޓްކޮށް ނިމިއްޖެ އިހައްދުވަހު. ނިމިގެން އިރާދަކުރެއްވިއްޔާ ދެން އޮތް މަރުހަލާއަށް ދާނެ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިން ވެސް ވިސްނާފައި އޮތް ގޮތަށް މިބަލަނީ މިއަންނަ އަހަރުގެ ތެރޭގައި މިއަންނަ އަހަރު ނިމެންވާއިރަށް މިދެ ބްރިޖް އެއްކޮށް ހިމެނޭ މަޝްރޫއެއް. އަޅުގަނޑުމެންނަށް ފަށާލެވޭވަރު ވާނެ ކަމަށް. ދެން ކާޑެއްދޫ ތިނަދޫ ބްރިޖު އަޅުގަނޑު ކުރިން ދެންނެވި ގޮތަށް ކުރިއަށްދާނެ. ހަމައެއާއެކު ކޯޒްވޭތައް ގާއިމް ކުރުމަކީ ވެސް ހަމަ ހިނގާ ކަންތައްތައް. ކޯޒްވޭތައް ގާއިމް ކުރުމަށް ވަރަށް ގިނަ ވައުދުތަކެއް ވެފައި ވާނެ. މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި، ކޮންޓްރެކްޓް ކުރެވިފައިވާ ރަށްރަށް. އަދި ޕްލޭން ކޮށްފައިވާ ރަށްތައް މީގެން ފެނިވަޑައިގަންނަވާނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު![]()
މުޅި ރާއްޖޭގައި އަޅާ ހުރިހާ ބްރިޖްއަކާއި ކޯޒްވޭތަކެއްގެ ވާހަކަ ދެއްކެވި އިރުވެސް ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ރައީސް މުއިއްޒު ވިދާޅެއް ނުވި | RaeesMuizzuPress pic.twitter.com/vttwDjgWFy
— RaajjeTV (@Raajje_tv) May 3, 2025
ރައީސް މުއިއްޒު ވިދާޅުވީ މ.މުލި، ނާލާފުށި ކޯޒްވޭގެ މަސައްކަތުގެ އަމަލީ މަސައްކަތް ވެސް މުލި އެއަރޕޯޓު ހުޅުވުމާއެކު ފެށިގެން ދާނެ ކަމަށެވެ.
މުލި އެއަރޕޯޓު ރަސްމީކޮށް ހުޅުވާނެ ކަމަށް މޭ މަހުގެ 1 ގައި، ނުވަތަ އެޕްރީލް 30 ގައި އެކަން ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއަރޕޯޓު ރަސްމީކޮށް ހުޅުވުން ވަނީ ފަސްކޮށްފައެވެ. ސަބަބެއް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.