ދިވެހިރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ.
މޭޑޭއާ ގުޅިގެން ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ޚާއްސަ ކަވަރޭޖްގައި މެންބަރު މައުރޫފް ވިދާޅުވީ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ވެސް މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ނެތުމަކީ ކަންބޮޑުވުމެއް ކަމަށާއި، މި އުސޫލު ބަދަލުކޮށް، މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.
ނަމަވެސް މިހާރު ވެސް މަސައްކަތްތެރިއަކު ނުކުމެ އޭނާގެ ހިޔާލާ ޝުއުރޫފާޅު ކުރުމުން ނުވަތަ މަސައްކަތް ކުރާ ތަނުގެ މެނޭޖްމަންޓަކުން ކަންކަން ކުރާ ގޮތުގައި ގޯސްވާހަކައެއް ބުނުމުން ނުވަތަ ގެންގުޅޭ ސިޔާސީ ފިކުރު ފާޅު ކުރުމުން ނުވަތަ އެމީހަކު އަދާކުރާ ވަޒީފާގެ ގޮތުން އެމީހަކު ހިފައްޓާ ވަކި އުސޫލުތަކާ ހިލާފަށް މަސައްކަތް ކުރަން މަޖުބޫރުވެ، އެކަމަށް ދެކޮޅު ހަދާ ހިސާބުން ވަޒީފާ ގެއްލި ނުވަތަ ފިޔަވަޅު އަޅާ ހިސާބަށްދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.
މެންބަރު މައުރޫފް ވިދާޅުވީ މިއަދު ރައްޔިތުން އޮބަހައްޓައިގެން ހިފަހައްޓައިގެން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށާއި، މަސައްކަތްތެރިން އަޑު އަހަންޖެހޭ ކަމަށެވެ. އަދި ދާއިރާތަކުގެ ސިޔާސަތުތައް ކަނޑައަޅާއިރު، އެދާއިރާއެއްގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ހިޔާލާއި، މަޝްވަރާ ހޯދަންޖެހޭ ކަމަށާއި، މަސައްކަތްތެރިން ޝުއޫރުތަކަށް ބެލުމެއް ނެތި ކަނޑައަޅާ ހުރިހާ ސިޔާސަތަކުން ލިބޭނީ ގެއްލުން ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް އިޝާރާތް ކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ މި ދާއިރާގައި މަސައްކަތްތެރިންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ ކަމަށާއި، މަތީ ލެވަލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ. އަދި ވަޒީފާ ދޭ ފަރާތްތަކުން އަގުހެޔޮކޮށް ބިދޭސީ މުވައްޒަފުން ގެންނަ ކަމަށާއި، ދިވެހިންނަށް އޮތް ފުރުސަތުތައް ހަނިވާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ މިސަރުކާރު ޑޮލަރު މާރު ކުރުމަށް މަޖުބޫރުކުރުވި އުސޫލަކީ ވެސް އެކަމުގެ ގެއްލުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.
އަނެއް ކަމަކީ ރިސޯޓުތަކުގައި ވަރަށް ފަހުން ސަރުކާރުން މިގެނައި ޑޮލަރު މާރުކުރަން މަޖުބޫރުކުރުމާ ގުޅިގެން ބައެއް ރިސޯޓުތަކުގައި ދިވެހި ރުފިޔާއިން މުސާރަ ދިނުން ވެގެން މިދިޔައީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ އާމްދަނީ އަށް ވަރަށް ބޮޑު ލޮޅުމެއް އޭގެން ކުރި ކަމަކަށް. އެހެންވީމަ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ނުލިބުމާއި، އަދި ރިސޯޓުތަކުގެ މަސައްކަތުގެ މާހައުލަކީ ރައްކާތެރި މަސައްކަތްތެރި މާހައުލަކަށް ވެގެން ނުދިއުން. އެއާއެކު މިދެންނެވިހެން އެކަށީގެންވާ އާމްދަނީއެއް ލިބޭ ގޮތް ނުވުން. އެންމެންވެސް ދަންނާނެ ހަގީގަތެއް 2022 ވަނަ އަހަރާ ހަމައަށް އައިރުގައި ދިވެހިރާއްޖޭގެ ރިސޯޓުތަކުގެ މަސައްކަތްތެރިންގެ އަސާސީ މުސާރަ ހުރީ 300 ޑޮލަރުގައި. ހުރެފައި އެއަހަރު މިނިމަމްވޭޖް ކަނޑައެޅުމާ ގުޅިގެން އެއަދަދު 520 ޑޮލަރަށް ބަދަލުވެގެންދިޔައީ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް ދިވެހިރާއްޖޭގެ މަސައްކަތްތެރިންނަށް ލިބިގެންދިޔަ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު![]()
މިހާރު 75 އިންސައްތަ ގައުމުގައި މަސައްކަތްތެރިންނަށް 2 ދުވަސް އޮފް ދުވަހުގެ ގޮތުގައި ލިބޭކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ އާއިލާއާއި ދުރުގައި އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެއް ދުވަސް އޮފް ލިބުމަކީ އިޖްތިމާއީ ގޮތުން ނޭދެވޭ ގިނަ އަސަރުތަކެއް ކުރާ ކަމެއް ކަމަށެވެ.
މެންބަރު މައުރޫފް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް އަދިވެސް ގައުމީ ލެވަލްގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.