ކ. މާލެ
|
2 މެއި 2025 | ހުކުރު 03:38
ދުލެއް ނުކުރާނަން މުޒާހަރާ
ދުލެއް ނުކުރާނަން މުޒާހަރާ
ޓްވިޓަރ
ޒުވާނުންގެ މުޒާހަރާ
ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި
ސުލްހަވެރިކަމާ އެކު ތިއްބައި، ފުލުހުން ވަނީ މުޒާހަރާއަށް ހުރަސްއަޅައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި
މިއަމަލު ހިންގި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅުއެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އެ ޕާޓީން ގޮވާލާފައިވޭ

އިންސާފަށް ގޮވާލާ ޒުވާނުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.

ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނުގައި ބުނީ ޒުވާނުން އިސްނަގައިގެން ސިލްސިލާކޮށް ބާއްވަމުންގެންދާ ސުލްހަވެރި އެއްވުމުގެ ތެރެއަށް ފުލުހުން ވަދެގަނެ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ޕެޕަސްޕްރޭޖަހައި މުޒާހަރާގެ 2 ބައިވެރިންކަމަށްވާ އާއިޝަތު ޝިމަން އަހްމަދާއި ޢަބްދުالله މަހްޒޫމް ހައްޔަރުކޮށްފައިވާތީ ދަ ޑިމޮކްރެޓްސް އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެެވެ. އަދި އާއިޝަތު ޝިމަން އާއި ޢަބްދުالله މަހްޒޫމް ވަގުތުން މިނިވަންކުރުމަށް ވަނީ ގޮވާލާފައެވެ.

ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރުމަކީ ގާނޫނުއަސާސީން އެންމެހައި ރައްޔިތުންނަށް ލިބިގެންވާ ހައްގެއްކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ.

ޒުވާނުން ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާތަކަކީ އައުލާކަންބޮޑު ޖާއިޒު މުޒާހަރާތަކެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން ނުހަނު ކަންބޮޑުވެފައިވާ މައްސަލައެއްކަމަށްވާ، ހައްވާ ޔުމްނު ވެއްޓި ޒަހަމްވި މައްސަލައިގެ ތަހުގީގާމެދު އުފެދިފައިވާ ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެން، އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރަމުންގެންދާ މުޒާހަރާތަކެއް ކަމަށް ދަ ޑިމޮކްރަޓްސްއިން ބުނެއެވެ.

އެހެން ރޭތަކެކޭ ވެސް އެއްފަދައިން މުޒާހަރާގެ ބައިވެރިން ސުލްހަވެރިކަމާ އެކު ތިއްބައި، ފުލުހުން ވަނީ މުޒާހަރާއަށް ހުރަސްއަޅައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފަ އެވެ.

ސުލްހަވެރި އިހުތިޖާޖްތަކަށް ފުލުހުން ހުރަސްނޭޅުމަށާއި، ހާއްސަގޮތެއްގައި ޒުވާނުން މިހާރު ބާއްވަމުންގެންދާ ސުލްހަވެރި އެ އިހުތިޖާޖްތަކަށް ހުރަސްނޭޅުމަށާއި، އިހުތިޖާޖްގެ ބައިވެރިން ހިފާ ހައްޔަރުނުކުރުމަށް އެޕާޓީން ވަނީ ގޮވާލާފަ އެވެ. އަދި މިއަމަލު ހިންގި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅުއެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އެ ޕާޓީން ގޮވާލާފައިވެ އެވެ.

- ކޮމެންޓް