ކ. މާލެ
|
2 މެއި 2025 | ހުކުރު 01:51
ޒުވާނުން ކުރި އިހުތިޖާޖަށް އިންޒާރަކާއި ނުލާ ފުލުހުން ވަދެ އަނިޔާކުރަނީ
ޒުވާނުން ކުރި އިހުތިޖާޖަށް އިންޒާރަކާއި ނުލާ ފުލުހުން ވަދެ އަނިޔާކުރަނީ
ރާއްޖެއެމްވީ
ޒުވާނުންނަށް އަނިޔާކުރުން
ޒުވާނުންގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް އެމްޑީޕީ އިން ގޮވާލައިފި
ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ އިތުރުން ޒުވާނުންގެ މުޒާހަރާގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕަރސްޕްރޭ ޖެހުން ކުށްވެރިކޮށްފައިވޭ
އެއްވެ އުޅުމުގެ މިނިވަންކަަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ ހައްގެއް
ހައްގުގެ ބޭނުންކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް ކުރަމުންދާ މުޒާހަރާތައް އަނިޔާވެރިކަމާއެކު ރޫޅައިލުމަކީ ސަރުކާރަށް ގޮތްހުސްވެ، ހެއްދެވި ބޮޑު ގޯހެއް

ޒުވާނުންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް އެމްޑީޕީ އިން ގޮވާލައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ޒުވާނުން މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއަށް ވަދެގަނެ ޕެޕަރ ސްޕްރޭޖަހާ ޒުވާނުންނަށް އަނިޔާކޮށް ދެ ޒުވާނަކު ހައްޔަރުކުރުމާއި ގުޅިގެން އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދުއަށް އިންސާދު ހޯދުމަށް ގޮވާލާ މާލޭގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދާ ޒުވާނުންގެ ތެރެއިން އެ މުޒާހަރާތައް ލީޑް ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލާ ކަމަށެވެ.

އެގޮތުން އައިޝަތު ޝިމަން އަހުމަދު އާއި އަބްދުﷲ މަހްޒޫމް މާޖިދު ހައްޔަރު ކުރުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ އިތުރުން ޒުވާނުންގެ މުޒާހަރާގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕަރސްޕްރޭ ޖެހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން އެއްވެ އުޅުމުގެ މިނިވަންކަަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު އެ ހައްގުގެ ބޭނުންކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްޒުމަށް ކުރަމުންދާ މުޒާހަރާތައް އަނިޔާވެރިކަމާއެކު ރޫޅައިލުމަކީ ސަރުކާރަށް ގޮތްހުސްވެ، ހެއްދެވި ބޮޑު ގޯހެއް ކަމަށެވެ.

އަދި ޒުވާނުންގެ މުޒާހަރާތަކަށް ފުރުސަތު ދީ ފުލުހުން ބޭނުންކޮށްގެން އެ މުޒާހަރާތައް ހުއްޓުވާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ވެސް އެމްޑީޕީ އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

- ކޮމެންޓް