ބުރާސްފަތި ދުވަހު ހުޅުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި މ. މުލީ އެއަރޕޯޓް ހުޅުވުން ކެންސަލްކޮށްފި އެވެ.
މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ މެއި މަސް ފެށިގެންދާ ހިސާބުން ފެށިގެން އެމަނިކުފާނުގެ ދަތުރުފުޅުތައް ފައްޓަވާނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަކީ މ. މުއްޔަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅެއް ކަމަށެވެ.
ރައީސް ވިދާޅުވީ މި ދަތުރުފުޅަކީ މުލީ އެއަރޕޯޓް ހުޅުވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، މޭ މަހުގެ 1 ގައި، ނުވަތަ އެޕްރީލް 30 ގައި އެކަން ކުރައްވާނެ ކަމަށެވެ.
މުލީގެ އެއަރޕޯޓް އިރާދަކުރެއްވިއްޔާ، މޭ މަހުގެ 1 ގައި، ނޫނީ އެޕްރީލް 30 ގައި، އޭގެ ކުރީ ދުވަހު އިނގޭތޯ. އެޕްރީލް 30 ގައި. އެއީ، އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވަނީ، މި މަސް ނިމުމުގެ ކުރީގައި ހުޅުވަން. ދެން ނުހުޅުވިއްޖިއްޔާ، ޖެހިގެން އަންނަ ދުވަހުވެސް ހުޅުވަން.
ރައީސް ޑރ. މުހައްމަދު މުއިއްޒު![]()
ރައީސް ވިދާޅުވީ ހުރިހާ މަސައްކަތެއް ވެސް ހިނގަމުންދާ ކަމަށެވެ. މުލީ އެއަރޕޯޓް ހުޅުވުމުގެ ދަތުރުން ފެށިގެން ބަހާލެވިގެން މެއި މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ހުރިހާ ރަށަކަށް އިރާދަކުރެއްވިއްޔާ ވަޑައިގަންނަވާނެ ކަމަށެވެ.
ނަމަވެސް ރައީސް ވިދާޅުވި ދުވަހަށް މުލީ އެއަރޕޯޓް ހުޅުވަން ހުރިހާ ކަމެއް ނިންމުމަށްފަހު ކެންސަލް ކުރެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އަދި އިވެންޓް ބޭއްވުމަށް ނިންމާ އިންތިޒާމްތައް ހަމަޖައްސާފައިވަނިކޮށް އިވެންޓް ކެންސަލް ކޮށްފައިވަނީ ބުދަ ދުވަހުގެ ދަންވަރު އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ތަރައްގީ ކުރި މުލީ އެއަރޕޯޓްގައި ޓެސްޓު ފްލައިޓު ޖައްސާފައިވަނީ 26 އެޕްރީލްގައެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ މުލި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމާއެކު ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ހުކުރު ދުވަހު ޖައްސާފައިވާ ކަމަށެވެ.
ޓެސްޓު ފްލައިޓްގެ ގޮތުގައި ޖައްސާފައި ވަނީ ގައުމީ އެއަލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. ޓެސްޓް ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައްް ހެދުމަށް ކުރާ ދަތުރެކެވެ.
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި މުލީގައި އެއަރޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2021 ގަ އެވެ.
މި މަޝްރޫއުގެ ދަށުން 17 ހެކްޓަރުގެ ބިން ހިއްކައި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށް، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމްކޮށްފައިވާއިރު، ޓެކްސީވޭއަކާއި އޭޕްރަންއެއް އަޅާފައިވެ އެވެ.
މި މަޝްރޫއަށް 212 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.