މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން މި ނޮވެމްބަރު މަހު ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީން އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލާފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީ އެންވަރަޔަމަންޓް މިނިސްޓްރީން ގަވައިދުތަކާ އެއްޗެހި ބަލައި ވަރަށް ގިނަ މަސައްކަތް ކޮށްފިން އަދި ކުރަމުން މިދަނީ. މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލާ ނިމިއްޖެ. މި ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު![]()
ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވައި، އެކަމާ ގުޅުންހުރި ޤަވައިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރު މަސްވެރިކަން އަލުން ހުޅުވާލައްވަން ނިންމަވާފައިވާތީ، މަސްވެރީން މިކަމަށް ތައްޔާރުވުމަށް އެމަނިކުފާނު ގޮވާލައްވާފަ އެވެ.
މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަކީ ކުޅުދުއްފުށިން އެކި ސަރުކާރުތަކުގައި ޑިމާންޑް ކުރަމުންދިޔަ ކަމެކެވެ. ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް މިޔަރު ގިނަ ކަމަށް ބުނެ، އެ ބާނަން ހުއްދަ ދޭން އެކި ފަހަރު މަތިން ސަރުކާރުގައި އެދިފައިވެ އެވެ. ނަމަވެސް، އެކަމަކީ ތިމާވެއްޓާ ގުޅޭ ޖަމިއްޔާތަކާއި ލޯކަލް ޓޫރިޒަމްގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.
މީގެކުރިން ސަރުކާރުން ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުޅުވާލަން ނިންމައި، "ބައިކެޗް"ގެ ގޮތުގައި ހިފޭ މިޔަރު ޕްރެސެސް ކުރަން ހުއްދަ ދޭން ނިންމުމާ އެކު ވެސް ވަރަށް ބޮޑަށް ސަރުކާރުން ފާޑުކިޔުން އަމާޒުވެގެންދިޔަ އެވެ. އެކަމާ ގުޅިގެން އެންމެފަހުން ސަރުކާރުން ނިންމީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދިނުމަށެވެ.