5 މީހުންނާއެކު ހުވަދޫ ކަނޑަށް ގެއްލުނު ދޯނި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ވަނީ ގެއްލިފައެވެ. މި ދޯނީގައި ތިބީ 5 މީހުންނެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.
ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައެވެ. އެއިރު ކެޕްޓަން ބުނެފައިވަނީ ހުވަދޫ ކަނޑުން ވަންނަން ކައިރިވެފައިވާ ކަމަށާއި އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ހޯމަ ދުވަހުގެ ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފައެވެ. ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ދޯނި ފަތިހު 5:00 ހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާ ކަމަށް ކޯސްޓްގާޑުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ލ. އަތޮޅަށް ދޯނި ވަނީ އިންޖީނު ހުއްޓިގެން ކަމަށާއި، ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު ދޯނީގައި ތިބި މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެއެވެ.