މަސްތުވާތަކެއްޗާއެކު ޕާޓީ ކުރި މިނިސްޓަރ މުހައްމަދު އަމީންގެ ގެ، މާންދޫގޭ ދެކުނުގޭގެ ސީސީޓީވީ ހުރީ ހަލާކުވެފައި ކަމަށް ފުލުހުން ބުނެފިއެވެ.
މާންދޫގޭ ދެކުނު ގެއަކީ މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއަކުން އެހެން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު އާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލު އާއި އަމީންއަށް ބޮޑުބޭބޭ ކިޔާ އިޒްދިޔާން މުހައްމަދު މައުމޫން އަދި ޔޫސުފް އަހްމަދު އަކްރަމް މަސްތުވާތަކެއްޗާއެކު ޕާޓީ ކުރި ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުނެފައިވާ ގެއެވެ. މި ގެއަކީ އަމީންގެ އިތުރުން އޭނާގެ އެއްބަނޑުއެއްބަފާ ތިން މީހުންގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގެއެކެވެ.
ފުލުހުން ބުނީ މިނިސްޓަރ އަމީން ދިރިއުޅުއްވާ ގޭގެ ސީސީޓީވީ ފުޓޭޖް ނުލިބުނީ ކެމެރާ ހަލާކުވެފައިވާތީއެވެ. ފުލުހުން ބުނީ އެގެއިން މައުލޫމާތު ދިން ގޮތުގައި ސީސީޓީވީ ކެމެރާ ހަލާކުވެފައިވާ ކަމަށެވެ.
ފުލުހުން މިފަދައިން ބުނެފައިވާއިރު، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ މަސްތުވާތަކެއްޗާއެކު ޕާޓީކުރީ މާންދޫގޭ ދެކުނު ގޭގައި ކަން ފުލުހުންނަށް އޮތީ ޔުމްނު ވެއްޓުނު ހާދިސާއާއެކު މައުލޫމާތު ލިބިފައެވެ. ނަމަވެސް ފުލުހުން ހެކި ހޯދަން މަސައްކަތް ކޮށްފައި ނުވާ އިރު މައްސަލަ އެހެން ގޮތަކަށް އަނބުރާލުމަށް ފުލުހުން މަސައްކަތް ކުރާކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
މީގެ އިތުރުން އަމީން ގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެފައިވާއިރު، ކެމެރާ ރެކޯޑްކުރާ ސިސްޓަމްވެސް ފުލުހުންނަށް ދައްކާފައި ނުވެއެވެ. ނަމަވެސް އަމީން ދިރިއުޅުއްވާ ގެއިން ކެމެރާ ހަލާކުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކަ ފުލުހުން ބުނި އިރު ވީޑިއޯ ރެކޯޑްކުރާ ސިސްޓަމްގެ ވާހަކައެއް ނުބުނެއެވެ.
ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އަމީން ގޭގެ ސީސީޓީވީ ފުޓޭޖް ހޯދިންތޯ ސުވާލުކުރުމުން ވެސް ފުލުހުން ބުނެފައިވަނީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.
މާންދޫގޭގެ ސީސީޓީވީ ފުޓޭޖް ފުލުހުންނަށް ލިބިފައި ނުވާއިރު، ފުލުހުން ވަނީ އެގޭގެ ޓެރަސް އަދި ދެވަނަ އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި 3 ވަނަ ފަންގިފިލާވަނީ ބަލާ ފާސްކޮށްފައެވެ. މިތަންތަން ބަލާ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެއްޗެއް ގެންދިޔަ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ މައްސަލައާއި ގުޅޭ ހެއްކެއް ލިބިފައި ނުވާކަމަށް ބުނެފައެވެ.
18 ވަނަ ދުވަހުގެ މި ހާދިސާއަށްފަހު ފުލުހުން އަމީންގެ ގެއިން ހެކި ހޯދަން މަސައްކަތް ކުރީ ވެސް 24 ވަނަ ދުވަހުއެވެ. މީގެ އިތުރުން މި މައްސަލައިގައި މިނިސްޓަރ އަމީންގެ އެއްވެސް ނުފޫޒެއް ނެތްކަމަށް ފުލުހުން ބުނި ނަމަވެސް، ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔަ ވަގުތު މިނިސްޓަރ އަމީން ގެންދެވީ ތަކުރާރުކޮށް ކުރީގެ ކޮމިޝަނަރ އަލީ ޝުޖާއު އަށް ފޯނުން ގުޅުއްވަމުންނެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި އާންމުންގެ ޕްރެޝަރު ބޮޑުވެ ޔުމްނުއާއެކު ހ. ފެންޓެނޯއީ ގޭގައި އުޅުނު ރައުދު އަހްމަދު ޒިލާލް އާއި ޔުމްނު ހިމެނޭހެން ޖުމްލަ 7 މީހެއްގެ ފޯނު ވަނީ ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ. އަދި މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާ ފުރުން މަނާކޮށްފައެވެ.
މި މައްސަލައިގައި ފުލުހުން ތަހުގީގު ވަކިގޮތަކަށް ގެންދަން މަސައްކަތް ކުރާކަމުގެ ތުހުމަތުކުރެވުނު އިރު، ފުލުހުން ދެފަހަރެއްގެ މަތިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާއި، ދެއްކި ފުޓޭޖްތައް ވެސް ދިމާނުވެއެވެ. އަދި މި މައްސަލައިގައި އަމީންގެ ދެ ކޮއްކޮގެ އިތުރުން ސިޔާސީ އިސް ފަރާތްތަކާއި ގުޅުން އޮންނަ މީހުންނާއި، ރައީސް ވެރިކަމަށް ގެންނަން މަސައްކަތް ކުރި ޒުވާނުންތައް އެރޭ އަމީންގެ ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފައިވާކަމުގެ ތުހުމަތުކުރެވެއެވެ. ނަމަވެސް ފުލުހުންގެ ތަހުގީގު ލަސްވެ މައްސަލަ ނުބެލި މިކަމާއި ގުޅޭ ހެކިތައްވެސް ލިބިފައި ނުވެއެވެ.