އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބެމުން އަންނަ ކަމުގައި ޤަތަރުގެ ބޮޑު ވަޒީރު މުޙައްމަދު ބިން ޢަބްދުއް ރަޙްމާން ބިން ޖާސިމް އަލް ޘާނީ ވިދާޅުވެއްޖެ އެވެ.
ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވީ، އަނެއްކާ ވެސް ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބިފައި ވީ ނަމަވެސް، ހަމާސް އާއި އިސްރާއީލާ ދެމެދު އެއްބަސްވުމަކަށް އައުމުގައި އަދި ވެސް ދަތިތަކެއް ހުރި ކަމުގައި އޭނާ ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ބައްދަލުވުމާއި، އޭގެ ކުރިން ބޭއްވުނު ބައްދަލުވުންތަކާ އަޅާ ބަލާއިރު، ކުރިއެރުން ތަކެއް ލިބިފައިވާކަން ފާހަގަ ކުރެވޭ ކަމުގައި އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ހަނގުރާމަ ނިންމާނެ ގޮތަކާ މެދު އަދި ވެސް އެއްބަސްވުމަކަށް ނާދެވޭ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ބޮޑު ވަޒީރު ވިދާޅުވީ، ޣައްޒާ ހަނގުރާމަ ހުއްޓާލައިފި ނަމަ، ހަމާސްގެ އަތުގައި ތިބި އިސްރާއީލްގެ ރަހީނުން ދޫކޮށްލާނެ ކަމަށް އެ ޖަމާއަތުން ބުނާ ކަމަށެވެ.
އެހެން ނަމަވެސް، އިސްރާއީލް އިން ބޭނުން ވަނީ ހަނގުރާމަ ހުއްޓާލާނެ ކަމުގެ ޔަގީންކަން ދިނުމެއް ނެތި، ރަހީނުން ދޫކޮށްލަން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވީ ދެ ފަރާތުގެ މަޤުސަދު އެއްގޮތް ނުވާ ހިނދަކު، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކޮށް، ހަނގުރާމަ ހުއްޓާލައިފަ އެވެ. ނަމަވެސް، މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އަލުން އިސްރާއީލް އިން ވަނީ ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ.
އިސްރާއީލް އިން ބުނެފައި ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން ދޫކޮށްލަންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.