ކ. މާލެ
|
27 އޭޕްރިލް 2025 | އާދީއްތަ 14:25
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން މީގެ ކުރިން ނޫސްވެރިންތަކަކާ ވާހަކަ ދައްކަވަނީ
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން މީގެ ކުރިން ނޫސްވެރިންތަކަކާ ވާހަކަ ދައްކަވަނީ
ރޮއިޓަރސް
ރަޝިޔާ - ޔުކްރެއިން ހަނގުރާމަ
ޔުކްރެއިނުން އޮތީ އެއްވެސް ޝަރުތަކާ ނުލައި ހަނގުރާމަ ހުއްޓާލަން ތައްޔާރަށް: މެކްރޮން
އޭނާ ވިދާޅުވީ އެ ހަނގުރާމަ ހުއްޓާލުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވެސް ހިއްސާ ކުރާ ލަނޑު ދަނޑިއެއް ކަމަށް.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތުގައި، އެއްވެސް ޝަރުތަކާ ނުލައި ހަނގުރާމަ ހުއްޓާލަން ޔުކްރެއިން އިން އޮތީ ތައްޔާރަށް ކަަމަށް ފްރާންސްގެ ރައިސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މެކްރޮން އާއި އިނގިރޭސި ބޮޑު ވަޒީރު ކިއާ ސްޓާމާ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ދެ ބޭފުޅުންގެ އިސްނެގުމުގެ މަތިން ވަނީ އެކަމާ ގުޅުން ހުރި ގިނަ މަޝްވަރާތަކެއް ވެސް ބާއްވާފައި އެވެ.

އެކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެކްރޮން ވިދާޅުވެފައި ވަނީ، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީއާ އެކު ވަރަށް ރަނގަޅު މަޝްވާރަތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ޔުކްރެއިން އިން އޮތީ އެއްވެސް ޝަރުތަކާ ނުލައި ހަނގުރާމަ ހުއްޓާލަން ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މެކްރޮން ވިދާޅުވީ ފްރާންސް އާއި އިނގިރޭސިވިލާތް އިސްވެ އޮވެ އުފައްދާފައިވާ "ކޯލިޝަން އޮފް ދަ ވިލިން" އިން ހަނގުރާމަ ހުއްޓާލުމަށާއި، ދެމެހެއްޓެނިވި ސުލްހައެއް ޤާއިމު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. 

އިތުރަށް އޭނާ ވިދާޅުވީ އެ ހަނގުރާމަ ހުއްޓާލުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވެސް ހިއްސާ ކުރާ ލަނޑު ދަނޑިއެއް ކަމަށެވެ. 

ޒެލެންސްކީ ވިދާޅުވެފައި ވަނީ އެމެރިކާ އާއި ޔޫރަޕާއެކު މަސައްކަތް ކޮށްގެން ހަނގުރާމަ ހުއްޓުވުމަށް ބޭނުންފުޅުވާ ކަމަށާއި، އެއްވެސް ޝަރުތެއް ނެތި ހަނގުރާމަ ހުއްޓާލުމަށް ތައްޔާރަށް ހުރި ކަމަށެވެ.

މި ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މަސައްކަތްތައް ކުރިއަށްދާއިރު، މިކަމުގައި ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އެމެރިކާގެ ބައިވެރިވުން ވެސް މުހިންމު ކަމަށް ސިޔާސީ މާހިރުން ފާހަގަކުރެ އެވެ.

- ކޮމެންޓް