އީރާންގެ އެންމެ ބޮޑު އެއް ބަނދަރު ކަމަށްވާ، ބަނދަރު އައްބާސްގައި ހިނގި ގޮވުމެއްގައި އަށް މީހަކު މަރުވެއްޖެ އެވެ.
ބަނދަރު އައްބާސްގެ ޝަހީދު ރަޖާއީ ސަރަހައްދުގައި ހިނގި ކެމިކަލް ގޮވުމެއްގައި އަށް މީހަކު މަރުވެފައިވާއިރު، އެ ހާދިސާގައި 700 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފަ އެވެ.
އީރާންގެ ކްރައިސިސް މެނޭޖްމަންޓް އޯގަނައިޒޭޝަންގެ ތަރުޖަމާނު ހުސެއިން ޒަފަރީ ވިދާޅުވެފައިވާ ގޮތުގައި، އެ ހާދިސާ ދިމާވެފައި ވަނީ ކޮންޓެއިނަރު ތަކެއްގައި ހުރި ކެމިކަލްތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ކަމަށެވެ.
އެހެން ނަމަވެސް، އީރާން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި އެ ގޮވުން ހިނގަން މެދުވެރި ސަބަބު ކަނޑައެޅިގެން ހޯދިފައި ނެތެވެ.
މި ހާދިސާ ހިނގީ އީރާނާއި އެމެރިކާގެ މެދުގައި އޮމާންގައި ކުރިއަށްދާ ނިއުކްލިއަރ މަޝްވަރާތަކުގެ ތިން ވަނަ ބުރު ފެށިގެން ދިޔަ ވަގުތުގަ އެވެ.
ނަމަވެސް މި ދެ ކަމުގެ ދެމެދުގައި ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ މި ހާދިސާ ތަޙުޤީޤު ކުރުމަށް އަމުރު ކުރައްވާފައި އެވެ. އަދި އެ ސަރަހައްދަށް ފޮނުއްވި އެތެރޭގެ ވަޒީރު ވިދާޅުވި ގޮތުގައި އަލިފާން ނިއްވުމާއި އެހެން ސަރަޙައްދުތަކަށް ފެތުރުނަ ނުދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.