ކ. މާލެ
|
26 އޭޕްރިލް 2025 | ހޮނިހިރު 00:04
ރައުދު އަހުމަދު ޒިލާލް
ރައުދު އަހުމަދު ޒިލާލް
ރާއްޖެއެމްވީ
ޔުމްނު ވެއްޓުނު ހާދިސާ
ރައުދުގެ މައްޗަށް ކުށް ކުރި ކަމަށް ތުހުމަތުކޮށް ހެކި ހުށަހަޅާފައިވޭ
ރައުދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ

ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގައި، ރައުދު އަހުމަދު ޒިލާލްގެ އަތެއްވާ ކަމަށް ތުހުމަތުކުރެވިފައިވާއިރު އޭނާ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާކަން ހާމަވެއްޖެ އެވެ.

18 އޭޕްރިލް ވަނަ ދުވަހު ހ.މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ގ. އެރިއަދޫ، ރައުދު އަހްމަދު ޒިލާލް 21، އަހަރު ކޯޓް އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގެ 18:20 ގައި ވަނީ ހައްޔަރުކޮށް، ރައުދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ރާއްޖެއެމްވީއަށް ކޮޕީއެއް ލިބިފައިވާ މިކޯޓު އަމުރުގައި ބުނެފައިވަނީ ރައުދު ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށެވެ.

ކޯޓް އަމުރުގައި އިތުރަށް ބުނެފައިވަނީ ރައުދު ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށާއި ރައުދުގެ ކުޑަކަމުދާ ތަކެތި ޗެކް ކުރުމުން ކެނެބިސްއަށް ފައްސިވެފައިވާ ކަމަށެވެ.

އަދި ތަހްގީގަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތާއި ރައުދުއާއި ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި، ޔުމްނު ވެއްޓުނު ހާދިސާއަށްފަހު، އޭގެ މާގިނަ އިރުތަކެއް ނުވެ، ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް އެނގިފައިވެއެވެ.

ފުލުހުން އެންމެ ފުރަތަމަ މިކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުމެއްވާ ކަމެއް އެނގިފައިނުވާ ކަމަށާއި ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

މިހާދިސާ ހިނގިރޭގެ ސީސީޓީވީ ފުޓޭޖް ކަމަށްބުނެ ފުލުހުން ދެއްކި ވީޑީއޯ ވަނީ އެޑިޓްކޮށްފައި ކަމަށްބުނެ ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެ އެވެ. އަދި އިތުރު ބައެއް ވީޑިއޯތައް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެއެވެ.

ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މާލެގެ މަގުތަކުގައި ޒުވާނުން ނިކުމެ އިހްތިޖާޖް ކުރަމުންދާތާ ތިން ދުވަސްވެއްޖެ އެވެ. މިމުޒާހަރާތަކުގައި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ދަނީ ގޮވާލަމުންނެއެވެ.

- ކޮމެންޓް