މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް 2025 އޭޕްރިލް 16 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ދޮގު ހެދި މައްސަލަ ބަލައިދިނުމަށް މަޖިލީހުގައި އެދިއްޖެއެވެ.
މި މައްސަލަ ބަލައިދިނުމަށް އެދިފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލްއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ނާޒިލް ވިދާޅުވެފައިވަނީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ 21 ވަނަ ޖަލްސާގައި ދޮގު ހަދާފައިވާތީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހަޅާ ކަމަށެވެ.
އެގޮތުން ކަޅުވަކަރު މިސްކިތް ހުޅުވިފައި ހުރިކަމަށް ބުނެ ވަނީ ދޮގުހަދާފައިކަން ފާހަގަކޮށްފައިވެއެވެ. ނާޒިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރު ދެއްވި ބަޔާނުގައި، ކަޅުވަކަރު މިސްކިތް ހުންނަނީ ތަޅުލާފައި ނޫންކަމަށާއި، ކޮންމެ މީހަކަށްވެސް ވަދެވޭގޮތަށް ހުޅުވާފައި ކަމަށް ބުނެފައިވަނީ ހަގީގަތް އޮޅުވާލައި ދޮގު ހެދުމުގެ ގޮތުންނެވެ. މިއީ ރައްޔިތުންގެ މަޖިލީހަށް އޮޅުވާލުމަށް ދީފައިވާ ދޮގު މައުލޫމާތެއް ކަމަށާއި، މިނިސްޓަރު މި ވާހަކަ ވިދާޅުވިއިރު، ކަޅުވަކަރު މިސްކިތަށް ނުވަދެވޭ ގޮތަށް ތަޅުލާފައި ހުންނަތާ އަހަރަކަށްވުރެން ގިނަ ދުވަސްވެއްޖެކަމަށް ނާޒިލް ވިދާޅުވިއެވެ. މިނިސްޓަރު އެ ވާހަކަ ވިދާޅުވި ފަހުން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އެކަމަށް ފާޑުކިޔައި، މިސްކިތް ތަޅުލާފައި ހުރި މަންޒަރު އާންމުކޮށް ދެއްކުމުން މިސްކިތް ހުޅުވާލާފައިވަނީ އެ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.
މީގެ އިތުރުން ހުކުރު މިސްކިތުގެ އަސްލު ގެއްލޭގޮތަށް އެ ތަނބުތައް ޖެހީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ކަމަށް ދޭހަވާ ގޮތަށް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވާފައިވަނީ އެކަމުގެހަގީގަތް ރައްޔިތުންގެ މަޖިލީހަށް އޮޅުވާލުމަށްޓަކައި ކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވިދާޅުވީ އެ ތަނބުތައް ޖަހާފައިވަނީ 2016 ވަނަ އަހަރުކަން ސާފުކޮށް އެނގިވަޑައިގަންނަވާ ހާލު، އެކަން މަޖިލީހަށް ސިއްރުކުރެއްވުމަކީ ރައްޔިތުންނަށް އެހެން މެސެޖެއް ދިނުމަށްޓަކައި މިނިސްޓަރު ކުރެއްވި ކަމެއް ކަމަށެވެ.
މީގެ އިތުރުން ދ. ކުޑަހުވަދޫ އާސާރީ މިސްކިތް މަރާމާތު ކުރި ކަމަށާއި ސައިޓު މިއުޒިއަމް ތަކާއި ދާރުލް އާސާރު މަރާމާތު ކުރިކަމަށް ވިދާޅުވެ ވެސް ހެއްދެވީ ދޮގު ކަމަށާއި، މާލޭ ހުކުރު މިސްކިތު އެތެރޭގެ ފޮޓޯއެއް ދައްކަމުން ކުރީ ސަރުކާރަށާއި އިންޑިޔާގެ ޓެކްނިކަލް ޓީމަށް ރައްދުވާގޮތަށް އެ މިސްކިތް މަރާމާތުކުރުމުގައި ބޭނުންކޮށްފަ ހުރި ކެމިކަލާއި މެޓީރިއަލްގެ ސަބަބުން ގެއްލުން ވެފައިވާ ކަމަށް ވިދާުޅުވިއިރު އެތެރޭގެ އެއްވެސް މަސއްކަތެއް މިފަހުން ނުކުރާ ކަން އެނގިހުރެ ދޮގު ހަދާފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަކީ، ގާނޫނުއަސާސީގެ 134 ވަނަ މާއްދާއިން ވަޒީރުންގެ މަޖިލީހުންގެ މެމްބަރުންގެ މައްޗަށް ލާޒިމްކޮށްފައިވާކަމަކަށްވާއިރު، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގައި، އެ މަޖިލީހުގެ ޖަލްސާއެއްގައި ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދިނުމަކީ، ވަޒީރެއްގެ ހައިސިއްޔަތުން ޖަވާބުދާރީވުމުގެ މަސްއޫލިއްޔަތާ ހިލާފުވުމު އަމަލެއް ކަމަށެވެ.
އަދި ގާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު) ގެ 4 ވަނަ މާއްދާ ނިޔާކުރާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި، އެ މަޖިލީހުގެ ގަދަރަށާއި، އެ މަޖިލީހުގެ މަސައްކަތަށް އުނިކަމެއް ލިބިދާފަދަ ނުވަތަ ހުރަހެއް އެޅިދާފަދަ ކޮންމެ އަމަލަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަމެއް ލިބިދިނުން ކަމުގައި ބެލެވޭނެ އަމަލުތަކެއް ކަމަށް ނާޒިލްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ނާޒިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަކީ ރައްޔިތުންނަށް ޖަވާބުދާރީވުން ކަމަށްވާއިރު، އެ މަޖިލީހަށް ހާޒިރުކުރެވޭ ދައުލަތުގެ ވަޒީރަކު ވިޔަސް، މަޖިލީހުގެ ޖަލްސާތަކުގައި ދޮގު މައުލޫމާތު ދިނުމަކީ، މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނާނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ނާޒިލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން، މި މައްސަލަ ތަހުގީގުކޮށްދެއްވައި، އިމްތިޔާޒު ކޮމިޓީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުން އެދި މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ.