ކ. މާލެ
|
21 އޭޕްރިލް 2025 | ހޯމަ 13:22
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު
ރައީސް އޮފީސް
އިޤްތިސާދީ ވުޒާރާގެ ނޫސްވެރިންގެ ބައްދަލުވުން
ރައީސް މުޢިއްޒުގެ އިތުބާރު އޮތްކަމެއް ސައީދަށް ކަށަވަރެއް ނޫން!
މީހެއްގެ އިތުބާރު އަނެއް މީހާ އަށް އޮތްތޯ ނުވަތަ ނޫންތޯ، އެ ސުވާލުގެ ޖަވާބު ލިބޭނީ އެކި ފަރާތްތަކާ ކުރުމުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިތުބާރު، އިޤްތިސާދީ ވަޒީރު މުޙައްމަދު ސައީދަށް ނެތް ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން، އެކަމަށް ސީދާ ޖަވާބެއް ދެއްވުމަށް ވަޒީރު ދެކޮޅު ހައްދަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީން ވަނީ ވަޒީރު ސައީދުއާ އެ ސުވާލު އަމާޒުކޮށްފަ އެވެ.

އެގޮތުން ރައީސް މުޢިއްޒުގެ އިތުބާރު ވަޒީރު ސައީދަށް ނެތް ކަމަށާއި، ބައެއް މަސައްކަތްތަކުގައި ވަޒީރު ޖައްސަވާ ހިސާބުތަކާއި، ބޭނުންވާ ނަތީޖާތައް ނުނެރެވޭތީ ރައީސްގެ އިތުބާރު ވަޒީރަށް ނޯންނަ ކަމުގެ ވާހަަކަ ދެކެވޭ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ސައީދު ވިދާޅުވީ، ކަންކަން ފަށައިގަންނައިރު ގޮންޖެހުންތަކެއްް ހުންނާނެ ކަމަށެވެ. ގޮންޖެހުންތައް ހުންނަން ޖެހޭކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، އެއީ ހަމައެކަނި ދިވެހި ރާއްޖެ ވެގެން ވާ ގޮތެއް ވެސް ނޫން ކަމަށެވެ.

ވަޒީރު ސައީދު ވިދާޅުވީ އިންސާނުންގެ ގޮތުގައި ދުނިޔޭގައި އުޅޭއިރު، ވަރަށް ގިނަ ކަންތައްތަކާ ދިމާވާނެ ކަމަށެވެ. އެގޮތުން މީހެއްގެ އިތުބާރު އަނެއް މީހާ އަށް އޮތްތޯ ނުވަތަ ނޫންތޯ، އެ ސުވާލުގެ ޖަވާބު ލިބޭނީ އެކި ފަރާތްތަކާ ކުރުމުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވަޒީރު ސައީދު ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒުގެ ވަޒީރުންގެ މަޖިލީހާއި، ސަރުކާރު އަދި ރައީސް އައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ވަރަށް ބަދަހި ގުޅުމެއް އޮތް އަދި އެއް ފިކުރަކަށް ނިސްބަތްވާ ބައެއް ކަމަށެވެ. އަދި ކުރިއަށް ދަނީ އެއް ބައެއްގެ ގޮތުގައި ކަމަށާއި، ޙާސިލު ކުރަން ބޭނުންވަނީ އެއް އަމާޒެއް ކަމަށެވެ.

އަޅުގަނޑުމެން މި އުޅެނީ އިންސާނުންގެ ގޮތުގައި ދުނިޔޭގައި. އުޅޭ އިރު ދިމާވާނެ ވަރަށް ގިނަ ކަންތައްތަކެއް. މީހެއްގެ އިތުބާރު އަނެއް މީހާ އަށް އޮތްތޯ ނެތްތޯ، އަޅުގަނޑަށް ހީވަނީ އެ ސުވާލު އެކި ފަރާތްތަކާ ކުރީމަހެން އޭގެ ޖަވާބެއް ލިބޭނީ. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަކީ ވަރަށް އެކަތި ގަނޑެއް، އިރާދަކުރެއްވިއްޔާ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ކެބިނެޓަކީ ވެސް، އަދި ސަރުކާރަކީ ވެސް އަދި ރައީސް އެޕޮއިންޓު ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ވެސް ވަރަށް ބަދަހި ގުޅުމެއް އޮތް، އެއް ފިކުރަކަށް ނިސްބަތްވާ އެއް ބައެއްގެ ގޮތުގައި ކުރިއަށް މި ދަނީ ވެސް.

މުޙައްމަދު ސައީދު / އިޤްތިސާދީ ވަޒީރު

ވަޒީރު ސައީދު މިހެން ވިދާޅުވި ނަމަވެސް، ރައީސް މުޢިއްޒުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް އޮތް ކަމެއް ޔަގީންކަމާ އެކު ވިދާޅުވެފައެއް ނުވެ އެވެ.

ސަރުކާރަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު، ރާއްޖޭގެ އިޤްތިސާދީ ޙާލަތު ވަރަށް ބޮޑަށް ދަށްވަމުން ދާ ކަމަށާއި، އެކަމުގައި ވަޒީރު ސައީދު ފެއިލްވަމުން އަންނަ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އަދި އެކަމާ ގުޅިގެން ރައީސް މުޢިއްޒުގެ އިތުބާރު ވަޒީރު ސައީދަށް ގެއްލިފައިވާ ކަމަށާއި، ވަޒީރުކަމުގެ މަގާމުން ސައީދު ދުރު ކުރާނެ ކަމުގެ ވާހަކަތަކެއް ވެސް ދޭތެރެ އިން އަންނަނީ އިވެމުންނެވެ.

- ކޮމެންޓް