ގއ. ގެމަނަފުށީގެ ސިއްހީ މަރުކަޒުގެ އިހުމާލުން ހަތް މަހުގެ ތުއްތު ކުއްޖެއް މަރުވި މައްސަލަ ފެންމަތިވެއްޖެއެވެ.
ހަތް މަހުގެ ފިރިހެން ކުއްޖާ މަރުވެފައިވަނީ 16 އޭޕްރީލް 2025 ގައެވެ.
މިހާދިސާއާ ގުޅޭގޮތުން އެއާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކުއްޖާގެ ނޭފަތުން ފެން އައިސް، ރޯގާ ވައްތަރުވެފައިވާތީ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދައްކައި އާވިއެރުވި ކަމަށެވެ. އޭގެފަހުން މިމަހުގެ 15 ވަނަ ދުވަހު ދެވަނަ ފަހަރަށް ޑޮކްޓަރަށް ދައްކައި، އިތުރު ޓެސްޓުތަކެއް ހެދި ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެނީ އެރޭ 8:00 ގެ ފަހުން ކަމަށްވާތީ އަނބުރާ ގެއަށް ދިޔަ ކަމަށް އާއިލާއިން ބުނެފައިވެއެވެ.
ނަމަވެސް އެރޭ އެކުއްޖާ ފައި ކުރުކޮށް ހުއްޓާނުލާ ރޯތީވެ ސިއްހީ މަރުކަޒަށް ދިޔަ ކަމަށާއި، ފުރަތަމަ ކުއްޖާ ބެލީ ނަރުހެއް ކަމަށެވެ. ކުއްޖާގެ އިތުރު ސިއްހީ މައްސަލައެއް އުޅޭހެން ހީވާ ކަމަށް ބުނެ ޑޮކްޓަރު ގެނެސްގެން ފަރުވާ ދޭން ފެށި ކަމަށާއި، ސިލިންޖަރަކަށް އައިވީ ފެން ނަގައިގެން ޕްރެޝަރުގައި ކުއްޖާގެ ނޭފަތަށް ދުއްވާލީ ކަމަށް އާއިލާއިން ބުނެއެވެ.
ފަސްވަނަ ފަަހަރަށް ކުއްޖާގެ ކަނާތް ފަރާތު ނޭފަތަށް ސިލިންޖަރު ދުއްވާލުމާ އެކު، އައިވީފެނާ އެއްކޮށް ނޭފަތުގެ ވާއަތް ފަރާތުން އައީ ލޭ ކަމަށާއި، އޭރު ވެސް ކުއްޖާ ކޮންމެވެސް ވަރަކަށް ހުއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އޭގެފަހުން ކުއްޖާ ހޮޑުލި ކަމަށާއި، އޭގެފަހުން ނޭވާނުލާކަން ފާހަގަކުރެވި ނަރުސް ކުދިން ކުއްޖާގެ ބުރަކަށި މަތީގައި ތަޅަން ފެށި ކަމަށެވެ. އަދި ސީޕީއާރު ދިނުމަށް ފަހު މިހާރު ކުއްޖާ ރަނގަޅު ކަމަށް ބުނެ، އިތުރު ފަރުވާއަށް ގއ.ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައެވެ.
އާއިލާއިން ބުނެފައިވަނީ ވިލިނގިލީ ހޮސްޕިޓަލްގައި ވެންޓިލޭޓަރަށްލައި ފަރުވާ ދިން ކަމަށާއި، އެރޭ އެއާ އެންބިއުލާންސުގައި ފަތިހު ކުއްޖާ މާލެއަށް ފޮނުވި ކަމަށެވެ. އަދި ބުދަ ދުވަހުގެ ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދޭން ފެށި ކަމަށާއި، އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށި ނަމަވެސް ކުއްޖާގެ ހިތް އޮތީ އޭރު ވެސް ހުއްޓިފައި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
ހަތް މަހުގެ ތުއްތު ކުއްޖެއް މަރުވީ ގެމަނަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތު ކޮށްފައިވާއިރު، ހެލްތް މިނިސްޓްރީން ބުނީ މިމައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މިމައްސަލައާ ގުޅޭގޮތުން ގެމަނަފުށީގެ ސިއްހީ މަރުކަޒުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. މިހާރު މިމައްސަލަ ވަނީ އާއިލާގެ ފަރާތުން ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.
ގެމަނަފުށީގެ ސިއްހީ މަރުކަޒުގެ އިހުމާލުން ހަތް މަހުގެ ތުއްތު ކުއްޖެއް މަރުވި މައްސަލަ ފެންމަތިވެފައިވާއިރު، މިމަހުގެ ތެރޭގައި އެކަނި ވެސް ހދ. މަކުނުދޫގައި ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން، ހދ ނެއްލައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ ހުރި އައިވީ އެއް ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ދަށްކަމާއި، ރަނގަޅު ފަރުވާއެއް ނުލިބޭ ކަމުގެ ޝަކުވާ އާއްމު ގިނަ ރައްޔިތުން ދަނީ ކުރަމުންނެވެ. އަދި ސިއްހީ ޚިދުމަތްތެރިންގެ އިހުމާލުން ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ.